Archives    Print    Email

މިއަދު ހަވީރު ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާދިން މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

މިއަދު ހަވީރު ތޫނުއެއްޗަކުން ޒުވާނަކަށް ހަމަލާދިން މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު ޢުމުރުން 17 އަހަރުގެ ކުއްޖެކެވެ. މިމައްސަލައިގައި ހިމެނޭ 17 އަހަރުގެ ކުއްޖާގެ މަޢުލޫމާތު އާއްމުކުރެވިފައިނުވަނީ އޭނާއަކީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ވުމާއި ގުޅިގެންނެވެ.

އޭނާގެ އިތުރުން މިމައްސަލައާއި ގުޅުންހުރި އިތުރު މީހަކުވެސް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އަދި އޭނާގެ ފުރިހަމަ މަޢުލޫމާތު މިހާރު ފުލުހުން ދަނީ ހޯދަމުންނެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން މިހާރު ހޯދަމުންދާ 17 އަހަރުގެ ކުއްޖަކީ މިއަހަރުގެ އޭޕްރީލްމަހު މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖެކެވެ.

މިރެއިންފެށިގެން މިހާރަށްވުރެއިތުރަށް މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުން އިތުރުކޮށް، ވެހިކަލްތަކާއި މީހުން ޗެކްކުރަމުން ގެންދިއުމަށް މިހާރުވަނީ ހަމަޖެހިފައެވެ. މިގޮތުން މީހުންނާއި ވެހިކަލް ޗެކްކުރުމުންދާއިރު، ތޫނު ހަތިޔާރު ފަދަ ތަކެތި ފެނިއްޖެނަމަ ވަގުތުން އެފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެކަން ހަނދާންކޮށްދެމެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިންގޭ މިހަރަކާތުގައި ރައްޔިތުންގެ އެއްބޭރުލުން ފުލުހުންނަށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރަމެވެ.

މިއަދު ހަވީރު ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައާއި އަދި މިފަދަ އިތުރު ކަމެއް ހިންގުމަށް ބަޔަކު އުޅޭކަމަށް ބެލެވޭ އެއްވެސް މަޢުލޫމާތެއް ރައްޔިތުންގެ އެއްވެސް ފަރާތަކަށް ލިބިލައްވައިފިނަމަ ވީ އެންމެ އަވަހަކަށް އެމަޢުލޫމާތު ފުލުހުންގެ ޑިއުޓީ އޮފިސަރ 9888999 އަށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރަމެވެ.

 

[ 08 December 2008 ]
13 + 3 =