މ.އަންގާގިރިގެއިން މަރުވެފައިއޮއްވާ ފެނުނު އަންހެން މީހާގެ މައްސަލަ އާއި ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

މ.އަންގާގިރިގެއިން މަރުވެފައިއޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައާއި ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. މިއަދު މެންދުރު ފުލުހުންގެ މައި މަރުކަޒުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ފުލުހުން ބެލިބެލުމުން ރޭ އިރުއޮއްސި ގާތްގަނޑަކަށް 6:30 ހާއިރު މ.އަންގާގިރިގޭ ހަދަމުންދާ ޢިމާރާތު އަރިމަތީގައިހުރި ވެލިބަސްތާތަކުގެ ދަށުގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހަކީ ލ.ގަން ތުނޑީ/ހުރަވީ ޢުމުރުން 30 އަހަރުގެ މަރިޔަމް ޝީރީން ކަމަށެވެ. އަދި މިއަންހެން މީހާ ދެނެގަންނަން އެގުނީ ފުލުހުންގެ ފޮޮރެންސިކް ޑިޕާރޓްމަންޓުން ކުރި ތަހްލީލްތަކުން ފިންގަރ ޕްރިންޓްގެ އެހީގައިކަމަށެވެ.
މީގެއިތުރުން މިމައްސަލައާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނު މީހަކީ ފިރިހެނެއްކަމަށާއި، މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިތުރަށް ތަހްޤީޤްކުރަމުން ދާކަމަށެވެ.


