މ.އަންގާގިރިގެއިން މަރުވެފައިއޮއްވާ ފެނުނު އަންހެން މީހާގެ މައްސަލަ އާއި ގުޅޭ އިތުރު މަޢުލޫމާތު މީޑިއާއަށް ހާމަކޮށްފި
މ.އަންގާގިރިގެއިން މިމަހު 3 ވަނަ ދުވަހުގެ ރޭ މަރުވެފައިއޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތު މީޑިއާއަށް ހާމަކޮށްފިއެވެ. މިއަދު ހަވީރު ފުލުހުންގެ މައި މަރުކަޒުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު ލ.ގަން ތުނޑީ/ހުރަވީ ޢުމުރުން 30 އަހަރުގެ މަރިޔަމް ޝީރީން މިދިޔަ ޑިސެމްބަރ 31 ވަނަ ދުވަހުން ފެށިގެން ވީ ނުވީއެއް ނޭނގި ގެއްލިފައިވާކަން ތަހުޤީޤަށް އެނގިފައިވާކަމަށާއި، މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހަކީ ލ. ކަޅައިދޫ / އޯޝަންވިލާ އުމުރުން 30 އަހަރުގެ މުޙައްމަދު ނަޖާޙުކަމަށެވެ. މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ މިމަހު 3 ވަނަ ދުވަހުގެ ރެއެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހަކީ ޝީރީން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެއްކަން ތަޙްޤީޤަށް އެނގިފައިވާކަމަށާއި، ޝީރީންގެ މަރުވެފައިވާ ހަށިގަނޑު ފުލުހުންނަށް ފެނިފައިވަނީ މަރުވެފައިވާ އޮންނަތާ ގާތްގަނޑަކަށް 36 ގަޑިއިރު ފަހުންކަމަށެވެ. މިހާތަނަށް ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި ޝީރީންގެ ހަށިގަނޑު މ.އަންގާގިރިގެއަށް ގެންގޮސްފައިވަނީ މިމަހު 2 ވަނަ ދުވަހު ހެނދުނު ކަމަށާއި އެގެއަށް ގެންދިއުމުގައި ޙަރަކާތްތެރިވެފައިވަނީ މީނާއެކަނިކަންވެސް ތަޙްޤީޤަށް އެނގިފައިވާކަމަށެވެ. މީނާ މ.އަންގާގިރިގެއަށް ޝީރީންގެ ހަށިގަނޑު ގެންގޮސްފައިވަނީ މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހު އޭގެ ޑިކީއަށް ޝީރީންގެ މަރުވެފައިވާ ހަށިގަނޑު ލާފައިވާ ފޮށި އަރުވައިގެންކަމަށެވެ. އަދި މ.އަންގާގިރިގެއަށް ގެންގޮސް ވެލިބަސްތާތަކުގެދަށަށް ލުމަށްފަހު، އެފޮށި އަނބުރާ ގެންގޮސްފައިވާކަން ތަހުޤީޤަށް އެނގިފައިވާކަމަށާއި މިފޮށި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ޙަމްދޫން ވިދާޅުވިއެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކުރައިމް ޔުނިޓުން ދަނީ އިތުރަށް ތަޙްޤީޤްކުރަމުންނެވެ.


