Archives    Print    Email

ނޫސްބަޔާން


ރޭ އާރޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވި ބައެއް މީހުން ދޮގު މަޢުލޫމާތު ފެތުރުމަށްފަހު ހަމަނުޖެހުންތަކެއް ހިންގައިފިއެވެ. އެގޮތުން އާރޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވި ބައެއް މީހުން ވަނީ ފުލުހުންގެ ތަހުޤީޤަށް ހައްޔަރުކޮށްފައިހުރި މީހަކު މަރާލުމަށްފަހު ޢައިލާއަށް ނޭގި ވަޅުލާފައިވާކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރާ ފުލުހުންގެ މައިމަރުކަޒާއި ސިފައިންގެ މައިމަރުކަޒާއި ރައީސުލް ޖުމްހޫރިއްޔާ ހުންނަވާ ރަސްމީގެކޮޅު ކައިރިއަށް އެއްވެ، ހަމަނުޖެހުން ހިންގާފައެވެ.

ރޭ ގާތްގަޑަކަށް 12:30 ހާއިރުން ފެށިގެން ހިންގި މި ހަމަނުޖެހުންތަކުގައި ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު މަރާލާފައިވާކަމަށާއި، އާޢިލާގެ މީހުންނަށްނޭގި އޭނާގެ ހަށިގަނޑު ވަޅުލާފައިވާކަމަށް ބުނެ ދެކެވިފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން ހާމަ ކުރަމެވެ. އަދި ރޭގެ އެއްވުމުގައި ފުލުހުން އަނިޔާކޮށް މަރާލިކަމަށް ވާހަކަ ދެކެވުނު މީހަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނިކޮށް، ބަލިވުމާއި ގުޅިގެން އައި.ޖީ.އެމް.އެޗްއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ މީހެއްކަންވެސް ހާމަކުރަމެވެ. އޭނާގެ ޢައިލާ މީހުންނަށް ނޭގި ވަޅުލާފައިވާކަމަށް ވާހަކަ ދެކެވުނު ނަމަވެސް އޭނާގެ ޢާއިލާގެ މެމްބަރުންނަށް އޭނާ ބަލިވެގެން ހޮސްޕިޓަލަށް ގެންދެވުނު ވަގުތުން ފެށިގެން އެމަޢުލޫމާތުތައް ދެވި އޭނާގެ ޢާއިލާގެ ބައެއް މެމްބަރުންވެސް އޭނާ ހޮސްޕިޓަލުގައި އޮތް ވަގުތުން ފެށިގެން އޭނާ ވަޅުލުމާއި ހަމައަށްވެސް އެކަމުގައި ހަރަކާތްތެރިވެފައިވެއެވެ. އަދި އޭނާގެ ޢާއިލާގެ އެއްވެސް ފަރާތަކުން އޭނާ މަރުވުމުގައި ފުލުހުންނާމެދު ޝައްކެއް ނުވަތަ ޝަކުވާއެއްވެސް ކޮށްފައި ނުވާއިރު، އެހެން ބަޔަކު ސިޔާސީ މަޤުޞަދުތަކެއްއް ޙާޞިލް ކުރުމަށްޓަކައި ރައްޔިތުންނަށް އޮޅުން އަރާގޮތަށް އެފަދަ ވާހަކަތަކެއް ދެއްކި ދެއްކުން ފުލުހުން ވަރަށްބޮޑަށް ކުށްވެރި ކުރަމެވެ.

މީގެއިތުރުން އެއްވެ އުޅުމުގެ ޤަވާޢިދާ ކަނޑައެޅިގެން ޚިލާފަށް ރޭ ދަންވަރު ގަޑީގައި ބަޔަކު މީހުން އެއްވެ، ހިންގި މިހަމަނުޖެހުމުގައި ދިވެހިރާއްޖެ ޚަބަރުފަތުރާ ވަޞީލަތެއް ކަމުގައިވާ ދި އެފް.އެމް އިން ބައިވެރިވެ، އެފަރާތްތަކުގެ އަޑުތައް އެއްވެސް ޒިންމާދާރު ކަމެއްނެތި ގެނެސްދެމުން ގެންދިޔަގޮތްވެސް މިސަރވިސްއިން ކުށްވެރިކުރަމެވެ. ވަގުތުން ހިނގަމުންދިޔަ ކަމެއް ބްރޭކިންގ ނިއުސްއެއްގެ ގޮތުގައި ގެނެސްދިނުމުގެ އިތުރުން، މިނިވަން މީޑިޔާގެ ބޭނުން ނަހަމަގޮތުގައި ހިފައި، ރައްޔިތުންނަށް ހަޤީޤަތް އޮޅޭގޮތަށް ތަފާތު މެސެޖްތަކާއި އަޑުތައް ގެނެސްދީ، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް ވައްޓާލުމަށް ވަކިތާކަށް އެއްވުމަށް ގޮވާލާ އިންޓަވިއުތައްވެސް އެފަރާތުން ގެނެސްދެމުން ދިއުމާއި ގުޅިގެން ޤައުމީ ސަލާމަތަށްޓަކައި އެކަން އެގޮތަށް ނުކުރުމަށް ދި އެފް.އެމް އަދި ދި ޓީވީގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދުމުން، އެކަންވެސް އެފަރާތްތަކުން ފަތުރާފައިވަނީ ރައްޔިތުންނަށް ހަޤީޤަތް އޮޅޭގޮތަށްކަން މިސަރވިސްއިން ފާހަގަ ކުރަމެވެ. އަދި ދި އެފް.އެމްއާއި ދި ޓީވީން އެކަން ކޮށްފައިވަނީ ބްރޯޑްކާސްޓް ކުރުމަށް ލައިސަންސް ދޫކުރާއިރު އެފަރާތްތަކާއެކު ވެފައި އޮންނަ އެއްބަސްވުމާއި އެއްގޮތަށްތޯވެސް މިސަރވިސްއިން މިހާރު މިގެންދަނީ ބަލަމުންނެވެ.

ރައީސުލް ޖުމްހޫރިއްޔާ ހުންނަވާ ގެކޮޅާއި ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކަކީ އެއްވެ އުޅުމުގެ ޤަވާއިދުގެ ދަށުން އެއްވުން މަނާ ތަންތަނަށް ވީ ހިނދުވެސް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅާ ފުލުހުންގެ މައިމަރުކަޒުގެ ކައިރިއަށާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ މައިމަރުކަޒުގެ ގޭޓް ކުރިމައްޗަށާއި ރައީސުލް ޖުމްހޫރިއްޔާ ހުންނަވާ ރަސްމީ ގެކޮޅު ކުރިމައްޗަށް އެމީހުން އެއްވެ ވަނީ ހަމަނުޖެހުން ހިންގާފައެވެ. އަދި މިގޮތަށް ޢަމަލުކުރާ ފަރާތްތަކާއި، އަމަން އަމާންކަން ޤާއިމް ކުރުމަށް ޙަރަކާތްތެރިވާ ފުލުހުންގެ އަމުރުތަކަށް ނުކިޔަމަންތެރިވެ، އެގޮތަށް ޤައުމުގެ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ނަގާލަން މަސައްކަތްކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާ އެފަދަ ފަރާތްތަކުގެ މައްސަލަތައް ބަލާނެކަން މިފުރުސަތުގައި ހަނދާން ކޮށްދެމެވެ.

[ 29 January 2010 ]
6 + 6 =