Archives    Print    Email

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި


މިނިސްޓަރ އޮފް ހޯމްއެފެއަރޒް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެންފިއެވެ. އިންޑިޔާގެ ހޯމް މިނިސްޓަރގެ ދަޢުވަތަކަށް މި ފެބުރުއަރީ މަހުގެ 01 ން 08 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅަކީ ހޯމް މިނިސްޓްރީގެ ތަފާތު ދާއިރާތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ވެދެއްވެންހުރި އެހީތެރިކަމާއި އެއްބާރުލުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް މުޙައްމަދު ޝިޙާބްގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަޞީޙާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ހެޑް އޮފް ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް ޔޫނުސް ސޮބާޙްވެސް ބައިވެރިވެލެއްވިއެވެ.

މިދަތުރުފުޅުގައި އިންޑިއާގެ ހޯމް މިނިސްޓަރާއި ބައްދަލުކުރައްވާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ހޯމް މިނިސްޓްރީގެ ދާއިރާގެ ތެރެއިން އިންޑިޔާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް އިންޑިޔާއިން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އިންޑިޔާގެ ހޯމް މިނިސްޓަރ އަރުވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގައި އަލަށް ފުރިހަމަ ޖަލެއް ބިނާކުރެވޭއިރު ޖަލު ޑިޒައިން ކުރުމާއި ޖަލު މެނޭޖް ކުރުމަށްވެސް އެފަރާތުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. މީގެއިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީގައި ޕޮލިސް އެކަޑަމީއެއް ބިނާކުރުމާއި، ދިވެހި ރާއްޖޭގައި ޒަމާނީ ފޮރެންސިކް ލެބޯޓްރީއެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތް ހަލުއި ކުރައްވާނެ ކަމަށާއި، މިދެ ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެދިލައްވާ ތަމްރީނުތައް އިންޑިއާގެ ޕޮލިސް އެކަޑަމީތަކުން ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ކަންކަން ޒަމާނާއި އެއްގޮތަށް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ އިތުރު އާލާތްތައް އިންޑިއާ ސަރުކާރުގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

މިދަތުރުފުޅުގައި މިބޭފުޅުން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި)ގެ ޑައިރެކްޓަރާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ކުށުގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި، މޯލްޑިވްސް ޕޮލިސް ސާރވިސްގައި ކޯޕަރޭޓް އަދި ވައިޓް ކޮލާރ ކުށްތަކާއި، ސައިބަރ ކްރައިމްސް ފަދަ ކުށްތައް ތަޙުޤީޤުކުރުމަށް މުވައްޒަފުން ބިނާކުރުމާއި، މިފަދަ ސެކްޝަނެއް މޯލްޑިވްސް ޕޮލިސް ސާރވިސްގައި ޤާޢިމުކުރުމަށްޓަކައި ފަންނީ އެހީދޭނެ ފަރާތެއް ފޯރުކޮށްދެއްވާނެކަމަށް ސީ.ބީ.އައިގެ ޑައިރެކްޓަރ ވަނީ ވިދާޅުވެފައެވެ.

މިދަތުރު ނިންމާލުމުގެ ކުރިން ހޯމް މިނިސްޓަރ އަދި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މައިސޫރުގައި ހުންނަ ކަރްނާޓަކާ ޕޮލިސް އެކަޑަމީއަށް ޒިޔާރަތްކުރައްވާ އެތަނުގައި މިވަގުތު ތަމްރީން ފުރިހަމަ ކުރަމުންދާ 6 ފުލުހަކާވެސް ބައްދަލުކުރައްވާފައެވެ. މި ޒިޔާރަތުގައި ކަރަނާޓަކާ ޕޮލިސް އެކަޑަމީގެ ފަރާތުން ދިވެހި ފުލުހުން ތަމްރީނު ކުރުމަށް ދެމުން ގެންދާ ފުރުޞަތުތަކަށް ޝުކުރު އަދާކުރައްވާ، މުސްތަޤުބަލުގައިވެސް އެ އެކަޑަމީއިން އެފަދަ އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝިހާބު ވަނީ ވިދާޅުވެފައެވެ.

 

[ 08 February 2010 ]
11 + 11 =