Archives    Print    Email

ހަބީބް ބޭންކުގެ ކަންޓްރީ މެނޭޖަރު ދިރިއުޅެމުންދާ ގެއަށް ބަޔަކު މީހުން ވަދެ ފޭރުނު މައްސަލައާއި ގުޅިގެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ހަބީބް ބޭންކުގެ ކަންޓްރީ މެނޭޖަރު ދިރިއުޅެމުންދާ ގެއަށް ބަޔަކު މީހުން ވަދެ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ފޭރުނު މައްސަލައާއި ގުޅިގެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިއަދު ހަވީރު ޝަހީދު ހުސެއިން އާދަމް ބިލްޑިންގ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޕްރޮޕަޓީ ކްރައިމް ޔުނިޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު ވިދާޅުވީ މިމަހުގެ 03 ވަނަ ދުވަހު ހަވީރު ހިނގި މި ފޭރުމުގެ ހާދިސާއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހދ. ކުމުންދޫ ރަވީނާ އަލީ ޝުއައިބް 19އ. އާއި، ގ. ކޮރަލްސީ ޢަބްދުﷲ ޢަސީލް މުޙައްމަދު 20އ. އާއި، ގ.ފެހިމާ އިބްރާހީމް ޢަބްދުﷲ 20އ. ކަމަށެވެ.

އަދި މިމީހުންގެ ތެރެއިން އަލީ ޝުއައިބްއަކީ 2008 ނޮވެމްބަރު 30 ވަނަ ދުވަހުގެ ވަގުތެއްގައި ފަނޑިޔާރުމަގުން ބައިސްކަލެއްގައި ދުއްވާފައި ދިޔަ ބިދޭސީ މީހެއްގެ ބޮލުގައި 3 ފޫޓް ހުންނަ ވަރުގެ ލަކުޑިބުރިއަކުން ޖަހާ އޭނާ މަރާލި މައްސަލާގައި ހައްޔަރުކުރެވި ޝަރީއަތުން ސާބިތު ނުވާތީ ދޫކޮށްލާފައިވާ މީހެއްކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޖަމްޝީދު ވިދާޅުވީ މިމީހުން ހަބީބް ބޭންކު ކަންޓްރީ މެނޭޖަރ ދިރިއުޅެމުންދާ މއ. އުރަހަ (6 ވަނަ ފަންގިފިލާ) އަށް ވަދެ އޭނާ އަށް ބިރު ދައްކާ ތޫނު އެއްޗަކުން ހަމަލާދީ، އެ އެޕާރޓްމަންޓްގައި ހުރި 4 ކޮޓަރިއަށް ވަދެ އެ 4 ހަތަރު ކޮޓަރީގައި ހުރި ބައެއް ތަކެތި ގެންދަން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި ދިވެހި ފައިސާތަކަކާއި ޑޮލަރުތަކެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް އެމީހުންނަށް ގެންދެވިފައިވާ ނުވާކަމަށާއި އެމީހުން ގެންދަން މަސައްކަތްކުރި ތަކެތީގެ ތެރޭގައި ލެޕްޓޮޕާއި، އޭނާގެ މޯބައިލް ފޯނާއި، ގިނައަދަދެއްގެ ސެންޓްފުޅިތަކާއި އަތްކުރީ ގަޑިފަދަ ތަކެތި ހިމެނޭކަމަށެވެ. މީގެއިތުރުން މިމީހުން މިކަން ކޮށްފައިވަނީ އޭނާގެ މަޢުލޫމާތުތައް ވަރަށް ރަގަޅަށް ހޯދުމަށްފަހު ދުރާލާ ރާވައިގެންކަމަށްވެސް ޖަމްޝީދު ވިދާޅުވިއެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮޕަޓީ ކްރައިމް ޔުނިޓުން މިހާރު ދަނީ ތަހުޤީޤްކުރަމުންނެވެ.

[ 07 March 2010 ]
13 + 6 =