Archives    Print    Email

ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ޕޮލިސް ކްލަބު ޗެމްޕިއަންކަން ހޯދައިފި

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި އެސޯސިއޭޝަންކަޕް ވޮލީބޯޅަ މުބާރާތް "ޑަބަލް ސިކްސް ޒީރޯޒީރޯ" މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ޕޮލިސް ކްލަބު ހޯދައިފިއެވެ. މިރޭ ކުޅެވުނު މިމުބާރާތުގެ ފައިނަލް މެޗްގައި ދިވެހި ސިފައިންގެ ކްލަބާއި ބައްދަލުކޮށް ޕޮލިސް ކްލަބު ޗެމްޕިއަންކަން ހޯދީ 3 ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

އަންހެން ވޮލީގައި މުޅިންއަލަށް ވާދަކުރަން ފެށި ދިވެހި ސިފައިންގެ ކްލަބުގެ ފަރާތުން ހުނަރުވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ޕޮލިސް ކްލަބުން ކާމިޔާބުކުރީ 25 ޕޮއިންޓް 21 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ވޭތުވެދިޔަ 3 އަހަރު ޕޮލިސް ކްލަބު ހޯދި ކާމިޔާބީ ތަކުގައި މުހިންމު ދައުރެއް އަދާކުރި އައިޝަތު ޝައްފަ ކުޅެމުންދާ ސިފައިންގެ ކްލަބުން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 25 ޕޮއިންޓް 27 ޕޮއިންޓުންނެވެ. މެޗްގެ 3 ވަނަ ސެޓާއި 4 ވަނަ ސެޓު ޕޮލިސް ކްލަބުން ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވޭތުވެދިޔަ އަހަރު ޕޮލިސް ކްލަބު ވޮލީގައި ހޯދި ކާމިޔާބީތަކުގެ މޭސްތިރިކަމުގައިވާ ކޯޗް އިބްރާހިމް ރަޝީދު މިހާރު ކޯޗް ކޮށްދެމުންދާ ދިވެހި ސިފައިންގެ ކްލަބަށް 22 ޕޮއިންޓް އަދި 21 ޕޮއިންޓް ދިނުމަށްފަހުއެވެ.

މުބާރާތް ނިމުމުން މުބާރާތުގެ އެކިވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިއުމާއި މެޑަލް ޙަވާލުކޮށްދިނީ ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓްރީ ޝާހު އިސްމާޢީލްއެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށާއި މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ސުހާނާ އަޙުމަދުއެވެ. އެންމެ މޮޅު ސާވަރއަކަށް ދިވެހި ސިފައިންގެ ކްލަބުގެ ޙަލީމަތު ސަމާ ހޮވުނުއިރު އެންމެ މޮޅު ސްޕައިކަރަކަަށް ހޮވުނީ އެޓީމުގެ ޢައިޝަތު ޝައްފައެވެ. އެންމެ މޮޅު ބްލޮކަރަކަށް ޕޮލިސް ކްލަބުގެ ޢާގިލާ ޙާމިދު ހޮވުނުއިރު އެންމެ މޮޅު ޑިގަރަކަަށް ހޮވުނީ ޕޮލިސް ކްލަބުގެ ޢައިޝަތު ނާޒިމާއެވެ. އެންމެ މޮޅު ލިބެރޯއަކަށް ޕޮލިސް ކްލަބުގެ ފާތުމަތު ޢަރޫޝާ ހޮވުނުއިރު އެންމެ ކާމިޔާބު ކޯޗަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ކޯޗް މުޙައްމަދު ނަދީމެވެ. 19 އަހަރުން ދަށުގެ އުއްމީދީ ކުޅުންތެރިޔަކަށް ސޮސައިޓީ އޮފް ތުނޑީ އެޑްވާންސްމެންޓް އެންޑް ރިކްރިއޭޝަންގެ ޢައިޝަތު މާޖިދާއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ޕޮލިސް ކްލަބު ހޮވުނުއިރު ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ކެޕްޓަން މަރިޔަމް ޝީނީޒްއެވެ.

 

[ 24 July 2010 ]
10 + 4 =