Archives    Print    Email

ފުލުހުންގެ 9 ބުރީގެ އިސްކަންދަރު ބިލްޑިންގ މިއަދު ހުޅުއްވައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ 9 ބުރީގެ އިސްކަންދަރު ބިލްޑިންގ މިއަދު ހުޅުއްވައިފިއެވެ. މިއަދު މެންދުރުފަހު އެބިލްޑިންގ ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެބިލްޑިންގ ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އެވެ. މިރަސްމިއްޔާތުގައި ނައިބް ރައީސްގެ ދެކަނބަލުންގެ އިތުރުން މިނިސްޓަރ އޮފް ހޯމްއެފެއަޒު އަލްފާޟިލް މުހައްމަދު ޝިހާބު އާއި އެމިނިސްޓްރީގެ އިސްބޭފުޅުންނާއި މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު އާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި އެފް.ޑަބުލިއު ކޮންސްޓްރަކްޝަންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިޢިމާރާތް ހުޅުއްވާ ދެއްވުމަށްފަހު ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނަށް ދެވޭ އެންމެ މުޙިއްމު ޚިދުމަތްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ، މުޖްތަމަޢުގައި ޤާނޫނުގެ ބާރު ދަމަހައްޓައި، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމުގައި ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހި ފުލުހުންގެ އިސް އޮފިސަރުންގެ މަސައްކަތްތައް ވަރަށް ގާތުން ދެކެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވާކަމަށާއި، ދިވެހި ފުލުހުންނަކީ ވަރަށް ޕްރޮފެޝަނަލް ބައެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. 


މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަސީޙް ދެއްކެވި ވާހަކަފުޅުގައި މިފަދަ ޢިމާރާތެއްގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ ވަރަށް ބޮޑު ހޭދައެއް ކަމަށް ވިދާޅުވަމުން މިޢިމާރާތުގެ ތެރެއިން ރައްޔިތުން ފަޚްރުވެރިވާ ފަދަ އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުން މެނުވީ ރައްޔިތުން ކުރެއްވި ހޭދައިގެ ބަދަލު ދެވުނުކަމަށް ޤަބޫލުނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ޢިމާރާތް ބިނާކުރެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު މިހުޅުވި އިސްކަންދަރު ބިލްޑިންގައި ފޮރެންސިކް ލެބޯރެޓަރީއާއި ޓެކްނޮލޮޖީގެ އެހީގައި ކުށްކުރާމީހުން ދެނެގަތުމަށް ބޭނުންކުރާ "ޕޮލިގްރަފީ" ގެ ނިޒާމްތައް ޤާއިމް ކުރެވިފައިވެއެވެ. އަދި މިޢިމާރުތުގައި ފުލުހުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ޤާއިމްކޮށްފައިވާ "މަސްޖިދުލް ޢަދުލް" މިނިސްޓަރ އޮފް ހޯމްއެފެއަރޒް ވަނީ ހުޅުއްވާދެއްވާފައެވެ. އަދި އެމިސްކިތުގައި މިއަދުގެ އަސްރު ނަމާދު ޢިމާމުވެ ކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ.

 

[ 26 July 2010 ]
2 + 16 =