ނޫސްބަޔާން
މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން 29 ޖުލައި 2010 ވަނަ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަން ވަނީ ފަށާފައެވެ. މިއޮޕަރޭޝަނަކީ ޖަލުގެ ގޮޅިތަކުގައި ހުންނަން ނުޖެހޭ ޒާތުގެ ބައެއް ތަކެތި، ގޮޅިތަކުގައި ބަންދުގައި ތިބި ބައެއް ފަރާތްތަކުން ގެންގުޅޭ ކަމުގެ މަޢުލޫމާތު ލިބެމުން ދިއުމާއި ގުޅިގެން އެފަދަ ތަކެތި ހުރިތޯ ބަލައި ޗެކްކުރުމަށާއި، މާފުށީ ޖަލުގެ ކަންކަން އިތުރަށް އިސްލާޙްކޮށް މިހާރުން މިހާރަށް ހަމަމަގަށް އަޅުވަންޖެހޭ ކަންކަން އިސްލާޙް ކުރުމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްއަށް އެހީތެރިވުމަށް ކުރިއަށް ގެންދެވޭ ޚާއްސަ އޮޕަރޭޝަނެކެވެ.
މިއޮޕަރޭޝަން ކުރިއަށްދާއިރު، ޖަލުގެ ސަލާމަތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ދެނެގަނެ އެފަދަ ކަންތައް ފުރިހަމަ ކުރުމަށްޓަކައި ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްއަށް ފުލުހުންނާއި ސިފައިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.


