
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އާއި ސްރީލަންކާގެ ކޮލަމްބޯގައި ހުންނަވާ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) ގެ ސީނިއަރ ލިއޭޒަން އޮފިސަރ، ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ކެތަރިން ޕޮލްކިންގހޯން އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ތަޙުޤީޤުކުރުމުގެ ދާއިރާއިން ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ފޯރުކޮށްދީފައިވާ ވަސީލަތްތަކުގެ އިތުރުން ފަންނީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެއެވެ.

މީގެ އިތުރުން، ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި، ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުންނާއި، ގުޅިގެން ކުރިއަށްގެންދެވިދާނެ އެހެނިހެން ހަރަކާތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.