
މަސްތުވާތަކެތިން ސައްތައިންސައްތަ ސަލާމަތްވެފައިވާ ފުރަތަމަ ރަށަކަށް ނ. ފޮއްދޫ ހެދުމަށްޓަކައި، ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމަށް އެ ރަށުގެ ކައުންސިލަށާއި ރައްޔިތުންނަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ގޮވާލައްވައިފިއެވެ. މިއީ މިއަހަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އަމާޒެއް ކަނޑައަޅައިގެން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނ. ފޮއްދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްތަކަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްވެފައިވާ ރަށްތަކަކަށް ހެދުމަށް ފުލުހުން މިއަހަރު ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެންގެ ފުލުހުންގެ މި އަހަރު ހާއްސަ އަމާޒަކަށް އެބަ މަސައްކަތްތަކެއް ކުރައްވާ ދިވެހިރާއްޖޭގެ ބައެއް ރަށްތަކަކީ ސަތޭކަ ޕަސެންޓު މަސްތުވާތަކެތިން ސަލާމަތްވެފައި އޮތް ރަށްތަކެއްގެ ގޮތުގައި ހެދުމަށްޓަކައި. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުންނަމަ މި ރަށް ވެގެންދާނީ އެ މަސައްކަތް ކުރަން ރާވާ އެއް ރަށަކަށް،" ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ޒަމާންވީ މައްސަލައެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މުޖުތަމައެއްގެ ތެރެއިން ވަކި ބާވަތެއްގެ ކުށެއް އެއްކޮށް ނައްތާލެވޭނީ މުޅި މުޖުތަމައު އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. މީގެ ކުރިންވެސް ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވެފައިވާ ރަށްތަކާއި، އާބާދީ ކޮންޓްރޯލްކުރުމާއި އެކި ބަލިތަކުން ސަލާމަތްވުމުގައި ރާއްޖޭގެ ރަށްތަކުން ކާމިޔާބީ ހޯދާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައްޔިތުން އެ އަޒުމުގައި މަސައްކަތްކޮށްފިނަމަ ފުލުހުން އެކަން ކާމިޔާބުކޮށްދެއްވާނެ ކަމަށެވެ. "އެހެންނަމަވެސް އަޅުގަނޑު ޔަގީންކަން އަރުވަން ތިބޭފުޅުންނަށް މި ރަށުގެ ރައްޔިތުން މިކަމުގައި އަޅުގަނޑުމެންނާއެކުގައި، މި މައިންޑްސެޓުގައި، މި ވިސްނުންފުޅުގައި މަސައްކަތްކުރައްވައިފިއްޔާ މި ތިއްބެވި ފުލުހުން އެކަން ކާމިޔާބުކޮށްދެއްވާނެ،" ވަޒީރު ވިދާޅުވިއެވެ.
ފޮއްދޫގައި 16 މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ މަރުކަޒު ނިންމައި ހުޅުވުނުއިރު، މިއީ 26 ގަޑިއިރުގެ ތެރޭގައި ހުޅުވުނު ތިންވަނަ ފުލުހުންގެ މަރުކަޒުކަމަށާއި، މި މަޝްރޫއުގެ ދަށުން މަރުކަޒު ހުޅުވުނު ދިހަވަނަ ރަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބައެއް ރަށްރަށުގައި 20 މަސް ދުވަސް ވީއިރުވެސް މަސައްކަތް ނުފެށި ހުރިއިރު، ފޮއްދޫގައި މި މަސައްކަތް އަވަހަށް ނިމިގެންދިޔައީ ރަށުގެ ވެރިންނާއި ރައްޔިތުން މިކަމަށް ދެއްވި އަހަންމިއްޔަތުކަމާއި އެއްބާރުލުމުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ. "ފުލުހުންގެ މަރުކަޒުތައް ހުޅުވިގެންދާ މި ދިހަވަނަ ރަށް، އެންމެ ރަނގަޅަށް އަޅުގަނޑަށް ރައްޔިތުން މިކަމުގައި ބައިވެރިވާކަން ފެނިގެން އައި އެއް ރަށަކީ ނ. ފޮއްދޫއޭ ބުނުން އެއީ ދޮގަކަށް ނުވާނެ،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ ހޭދައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މާކެޓް ރޭޓުން ބަލާނަމަ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާއަށް އަރާ މި މަޝްރޫއުގެ ހަރަދު ކުޑަކުރެވުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ފުލުހުންގެ އިންޖިނިއަރުންގެ ޓީމުތައް ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި މިވަގުތު އަމަލީ ގޮތުން ހިނގަމުންދާ ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަޝްރޫއުތަކަށް ސަރުކާރުން 1.1 ބިލިއަން ދިވެހި ރުފިޔާ ހާއްސަކޮށްގެން ހަރަދުކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.
މި ސަރުކާރުން 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފުލުހުންގެ އަމިއްލަ މަރުކަޒު ހުރީ އެންމެ 17 ރަށުގައި ކަމަށާއި، 170 ރަށުގައި އަމިއްލަ މަރުކަޒެއް ނެތްއިރު 60 އަށްވުރެ ގިނަ ރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވެސް ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު، މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި، ދާއިމީ މަރުކަޒުތައް ހުޅުވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުތަކުގެ ދައުރު ހަމައެކަނި ގާނޫނު ތަންފީޒުކުރުމަށްވުރެ ފުޅާވާންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. "ފުލުހުންގެ މަރުކަޒެއް ހުރުމުގެ ހަމައެކަނި ބޭނުމަކީ އިރުއިރުކޮޅާ ކުށްވެރިން ހައްޔަރުކުރުމެއް ނޫން. ކުށެއް ނެތް މުޖުތަމައެއްގައިވެސް މި ސްޓޭޝަނުން ކުރާނެ ވަރަށް ބައިވަރު މަސައްކަތްތައް ހުންނާނެ،" ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، އެކި ކަންކަމުގައި ރައްޔިތުންނަށް އެހީތެރިވުމާއި، ކާރިސާގެ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކުށުގެ ވެށި ނެތް މުޖުތަމައެއްގެ ގޮތުގައި ރަށް ދެމެހެއްޓުމަށް ފުލުހުން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންގެ އިތުރުން ނ. ފޮއްދޫ ކައުންސިލްގެ ރައީސާއި މެންބަރުން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ވަޒީރު ވަނީ މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމުމުގައި ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓާއި، އިންޖިނިއަރުންނާއި، އެމް.ޓީ.ސީ.ސީ އަދި ފޮއްދޫ ކައުންސިލާއި ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.