ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް މިހާރު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ގޯތަބަޔާ ރާޖަޕަކްސައާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ކުރެއްވި މި ބައްދަލުކޮށްލެއްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިއުމަން ރިސޯސަސް ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް ވަނީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސްއާއި ޑިރެކްޓަރ އޮފް ސްޓޭޓް އިންޓެލިޖެންސް ސަރވިސްއާއިވެސް ބައްދަލުކުރައްވާފައެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެގައުމުން ލިބެންހުރި ޓްރެއިނިންގ ފުރުސަތުތަކާއި އިންފްރާ ސްޓްރަކްޗަރ ތަރައްޤީކުރުމަށާއި ތަހުޤީޤްކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަށް ލިބެންހުރި ފުރުސަތުތަކާއި ބެހޭގޮތުންނާއި ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވާނެއެވެ.

އެގޮތުން ކޮމަޑާންޑް އޮފް ދަ ސްޕެޝަލް ޓާސްކް ފޯސްގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އާއި ސްރީލަންކާގައި ޤާއިމްކޮށްފައިވާ ޑިޕްލޮމެޓިކް އެންޑް ކޮންސިއުލަރ ކޯޕްސްއާއި ބައްދަލުކުރެއްވުމުގެ އިތުރުން ސްރީލަންކާގެ ސްޕެޝަލް ޓާސްކް ފޯސް ޓްރެއިނިންގ ސްކޫލަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.