ޚަބަރު

އެކި މިނިސްޓްރީ ތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުންދަނީ ފައިސާ ހޯދަމުން- ސަމާލުވޭ

19 މެއި 2022

އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ދަނީ ހުށަހެޅެމުންނެވެ.

 

މިނިސްޓްރީތަކުގެ ނަމުގައި މިގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށެވެ. އެގޮތުން އެ އިދާރާއެއްގެ އިސް މުވައްޒަފަށް ގުޅައި، ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނެއެވެ. އަދި އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދައެވެ. އެގޮތުން، ހެލްތު މިނިސްޓްރީގެ ނަމުގައިނަމަ ގުޅަމުންދަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށެވެ. އަދި ސްކޫލެއްގެ މުވައްޒަފެއްނަމަ ގުޅަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައެވެ.

 

އެގޮތަށް ގުޅައި، އެ މުވައްޒަފާ ވާހަކަ ދައްކައި އޭނާ އާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނެއެވެ. އަދި ވާހަކަ ދެއްކުމުގެ ތެރޭގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހޯދައި އެ މުވައްޒަފަށް ބިރުދައްކައި ފައިސާ ހޯދައެވެ.

 

މިގޮތަށް އާންމުކޮށް ގުޅަނީ މަފުށީ ޖަލުންކަން ފާހަގަކުރަމެވެ.
 

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރަމެވެ.