ޚަބަރު

އެސޯސިއޭޝަން ކަޕް: އޮފު އެފްސީގެ މައްޗަށް ކުރިހޯދައި ޕޮލިސް ކުލަބުން އެއްވަނަ އަށް

15 ޖޫން
ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބް ވާދަކުރި މެޗުގެ ތެރެއިން: ޕޮލިސް ކުލަބުން ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައި --

 

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި އޮފު އެފްސީ އާވާދަކުރި މެޗުން ފަހަތުން އަރައި މޮޅުވެ ޕޮލިސް ކުލަބުން ތާވަލުގެ އެއް ވަނައަށް ޖެހިލައިފިއެވެ. 

 

ރޭ ޒުވާނުންގެ މަރުކަޒުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ރޭގެ މޮޅާއެކު މުބާރާތުގެ ތާވަލުގެ އެއްވަނަ ޕޮލިސް ކުލަބަށް ލިބިފައިވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ހަތް ޕޮއިންޓާއެކުއެވެ. އަދި ޕޮލިސް ކުލަބުން މިވަނީ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ބޮޑުކޮށްފައެވެ. 

 

މުބާރާތުގެ ތާވަލަށް ބަލާއިރު، ދެވަނަ ޓީމުގެ ގޮތުގައި އޮތީ ވެމްކޯއެވެ. އެޓީމު ވަނީ ކުޅުނު ދެމެޗުން ހަ ޕޮއިންޓް ލިބިފައެވެ.  މިރޭ ވެމްކޯއާއި ދިވެހި ސިފައިންގެ ކުލަބު ކުޅޭ މެޗު ކާމިޔާބުކޮށްގެން އެޓީމު އެއްވަނަ އަށް ޖެހިލެވޭނެއެވެ. މުބާރާތުގައި ދެން ވާދަކުރާ ހަތަރު ޓީމަށް ބަލާއިރު، ސްޕޯޓްސް ކްލަބް ސިޓީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު އޮފު އެފްސީ ވަނީ ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ހޯދާފައެވެ. އަދި ގުޑީސް ސްޕޯޓްސް ކުލަބާއި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު ވަނީ ކުޅުނު ދެމުންވެސް ބަލިވެފައެވެ. 

 

ރޭ ޕޮލިސް ކުލަބާއި އޮފު އެފްސީ ވާދަކުރި މެޗުގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ އޮފު އެފްސީންނެވެ. އެޓީމުން ސެޓް ކާމިޔާބުކުރީ 23-25 އިންނެވެ. ނަމަވެސް ޕޮލިސް ކުލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ޕޮލިސް ކުލަބުން ވަނީ ޖެހިގެން ކުޅުނު ތިން ސެޓްވެސް ކާމިޔާބުކޮށްފައެވެ. މިސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-18، 25-16 އަދި 25-20 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ސެޓަރު މުތުސާމީއެވެ. 

 

ޕޮލިސް ކުލަބުން މި މުބާރާތުގައި ދެން ކުޅޭ މެޗުގައި ވާދަކުރާނީ ސްޕޯޓްސް ކުލަބް ސިޓީއާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 17 ވަނަ ދުވަހުގެރޭ 20:15 ގައެވެ.