ޚަބަރު

ހިޔާ ފްލެޓު ޓަވަރުގެ ސެކިއުރިޓީ އޮފިސަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖޫން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ޓަވަރުގެ ސެކިއުރިޓީ ބަލަހައްޓާ އޮފިސަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ ސެޝަނެއް ހުޅުމާލެ ޕޮލިހުން ކުރިއަށް ގެންގޮސްފިއެވެ.

 

މިއަދު މާފަންނު ޕޮލިހުގައި ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ސެކިއުރިޓީގެ އަސާސްތައް، އިމާރާތެއްގެ ސެކިއުރިޓީ ބެލެެހެއްޓުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން، އޮބްޒަވޭޝަން ސްކިލްސް، ސެކިއުރިޓީ ގާޑެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އަދި މުއާމަލާތު ކުރުމުގެ ހުނަރުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ޑިއުޓީ ގަޑީގައި ހުންނަ ވަގުތުތަކުގައި ދިމާވާ ކަންކަން ނޯޓުކޮށް ފުލުހުންނާ ހިއްސާކުރަންޖެހޭ ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޑިއުޓީ ވަގުތުގައި ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމާއި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހެޑް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ޓްރެއިނިންގ އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޞަބާހް މައުލޫމާތުދެއްވި އެ ސެޝަނުގައި ހިޔާ ޓަވަރުގެ 25 ސެކިއުރިޓީ އޮފިސަރުންނާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހަ މުވައްޒަފުން ބައިވެރިވިއެވެ.