ޚަބަރު

ނެޝަނަލް ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމާގުޅޭ: އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުކޮށްފި

23 ޖޫން 2022

2022 ޖޫން 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 60، ދެ  މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފައެވެ.

 

މިމައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި/ ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް (48އ) އާއި ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އަދި ށ. މިލަންދޫ/ ނާޒް، ފަޟްލޫން މުޙައްމަދު (33އ) އެވެ. 

 

އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު ނަސޫޙް އާއި ޢަބްދުﷲ ރިފާޢުއެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލް އާއި އިބްރާހިމް ރައްޒާންއަށް ދީފައިވާއިރު އާދަމް ނިޝާން އާއި ފަޟްލޫން މުޙައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. 

 

އިއްޔެ ހައްޔަރުކުރި މީހުންނާއެކު މިމައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ޖޫން 21 ވަނަ ދުވަހު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ  ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

 

އެ މީހުންގެ ތެރެއިން މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިން އަދި އަމީން އަޙްމަދަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މުޙައްމަދު ޛިލްޔަން އާއި ސާމީ ރަޝާދު އިދުރީސްއަށް ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. 

 

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ވަނީ ގާއިމް ކޮށްފައެވެ. މިފަދަ މައުލޫމާތުތައް https://www.police.gov.mv/helpus/casetip އަށް ޒިޔާރަތްކޮށް ހިއްސާކުރެއްވުން އެދެމެވެ. މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވަމެވެ.