ޚަބަރު

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

14 ޖުލައި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

 

އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.

 

ގަން ޕޮލިސް ސްޓޭޝަނުން، ޖުލައި 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

 

އޭގެ އިތުރުން، ޖުލައި 12 ވަނަ ދުވަހު ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފުލުހުން ފެނުމުން އޭނާ އެއްލައިލި ރަބަރު ޕެކެޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ނުވަ ކަރުދާސްކޮޅު ފެނިފައިވެއެވެ.

 

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއްނިންމުމަށް ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ،

 

މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.