ޚަބަރު

ފުލުހުންގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް އިފްތިތާހުކޮށް، ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފި

11 އޯގަސްޓް 2022


ޕޮލިސް އިންފްރާސްޓްރަކްޗަރ ފެސިލިޓީސް ޑިވަލޮޕްމަންޓް ޕްރޮޖަކްޓުގެ މަޝްރޫޢުތައް އިފްތިތާޙުކޮށް، އެ ޕްރޮޖެކްޓްގެ ދަށުުން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

 

މިއަދު ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.  މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބް ޕޫޖާ ޓިއްލޫ އާއި ކ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްއާއި ތުލުސްދޫ ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ. 

 

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ތުލުސްދޫގައި މިއަދު ފެށިގެންމިދާ ޕްރޮޖެކްޓަކީ ފުލުހުންގެ ޚިދުމަތަށާއި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ހަރުދަނާކުރުމަށް ރާއްޖޭގެ މުޅި ތާރީހުގައި ހިންގޭ އެންމެ ބިޔަ ޕްރޮޖެކްޓް ފެށިގެންދާ ދުވަސްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ހިދުމަތުގެ ތެރެއިން އެންމެ މުހިންމު އެއް  ޚިދުމަތްކަމަށް ވިދާޅުވިއެވެ. 

 

ހަމައެއާއެކު ޤައުމުގެ މުޖުތަމައުއާއި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ ބިނާވެފައި އޮންނަނީ އެބައެއްގެ މެދުގައި އޮންނަ އަމަން އަމާންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗައްކަމަށާއި ހަމަޖެހުމެއްނެތް މުޖުތަމައެއް ކުރިއަރާނެ ގޮތެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. އަދި  ސުލްހަވެރިވެރިކަމެއްނެތް މުޖުތަމައެއް ފާގަތިކަމެއް ނުލިބޭނެ ކަމަށާއި އެކުވެރިކަމެއް ބަދަހި ކަމެއްނެތް މުޖުތަމައަކަށް ހަމަހިމޭން ކަމެއް ނޯންނާނެ ކަމަށާއި މިކަންކަން ހަގީގަތަކަށް ހަދައިދެވޭނީ މިއަދުގެ ދުނިޔޭގައި ފުލުހުންގެ މަސައްކަތުގެ ހަރުދަނާކަން ބިނާކުރެވިފައިވާ މިންވަރުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

 

ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކޮށް ފުލުހުންނާމެދުގައި ދިވެހިންގެ ތަސައްވަރު ރަނގަޅުކޮށް، ފުލުހުންނަކީ ދިވެހީން އިހްތިރާމްކުރާ އިތުބާރުކުރާ ބަޔަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތަކީ ގޮންޖެހުންބޮޑު ދަތިކަންހުރި އުދާސްކަން ބޮޑުކަމެއް ކަމަށާއި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ފުލުހުންގެ ގާނޫނު އަލުން ވުޖޫދުކުރެވި ގަވާއިދުތައް ހެދި އޮނިގަނޑުތައް އެކުލަވާލެވި، ހާއްސަގޮތެއްގައި ފުލުހުން ތަމްރީނު ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަކީ ވަރަށް މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަށް ގާނޫނީ ގޮތުން ވަރަށް ބޮޑު އަދި ބުރަ ޒިންމާއެއް އެޅިފައިވާކަން ފާހަގަކުރައްވައި، ރައްޔިތުންގެ އަމަން އަމާންކަން ބެލެހެއްޓުމަށާއި އަދުލް އިންސާފު ގާއިމްކުރުމުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި ފުލުހުން މަސައްކަތްކުރަންޖެހޭ ކަމަށާއި މިކަމުގައި އިންސާފުވެރިވުމަކީ އެންމެ ބޮޑު ޒިންމާކަމަށް ވިދާޅުވިއެވެ.

 

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުމަށާއި ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަށް ފުލުހުންގެ ގާނޫނުގައި ބާރުއަޅާފައިވާކަން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްވެގެން ދިޔުމަކީ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމުގެ އިތުރުން އެރަށެއްގެ އިގްތިޞާދީ ސިނާއަތާއި އިޖްތިމާއީ ފޭރާން ވަރުގަދަ ކުރުމަށް އެހީވެދޭނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތަކީ އެއްވެސް ތަފާތުކުރުމެއްނެތި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ހައްލު ހޯދައިދިނުމަށް ވިސްނުންތެރިކަމާއެކު ދެވޭ ޙިދުމަތަކަށް ހެދުމަށާއި ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައި މަޝްވަރާކުރާ މައިތަނަކަށް ފުލުހުންގެ މަރުކަޒު ހެދުމަށް ދިވެހި ފުލުހުންގެ ކިބައިން އެދިލެއްވިއެވެ.
 

 

ހަމައެއާއެކު މުޖްތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށްމަދުކޮށް، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ރައްޔިތުން ތިއްބެވުމަށް ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ. އަދި ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުން ފަދަ ބޮޑު މަޝްރޫއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. 

 

ޕޮލިސް އިންފްރާސްޓްރަކްޗަރ ފެސިލިޓީސް ޑިވަލޮޕްމަންޓް ޕްރޮޖަކްޓުގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވެއެވެ. އެގޮތުން، މިއީ މި ޕްރޮޖެކްޓްގެ ދަށުން ބިންގާ އެޅިގެންދިޔަ ފުރަތަމަ ޕޮލިސް ސްޓޭޝަނެވެ. އަދި މިއަހަރުގެ ތެރޭގައި ދ. ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރ ރީ ޑިވެލޮޕްމަންޓް ކުރުމާއި، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން  އަތޮޅުތަކުގައާއި ރަށްތަކުގައި ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމާއި، ޑިވިޜަނަލް ހެޑްކުއާޓަރސް ޕޮލިސް ފޯސް އަދި ޑިޓެންޝަން ސެންޓަރުތައް ގާއިމްކުރުމުގެ އިތުރުން ކުށްތައް މޮނީޓަރކުރެވޭނެ ހަރުދަނާ އިމްތިޒާމްތައް ހަމަޖެހިގެންދާނެއެވެ.