ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

11 ސެޕްޓެމްބަރ 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. ވަންދޫ އަދި ނ. ހެނބަދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ހެނބަދޫން މީހަކު ހައްޔަރުކޮށްފިއެވެ.

 

އެ އޮޕަރޭޝަންތަކުގެ ތެރެއިން ވަންދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ވަންދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން ވަންދުއަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ސެޕްޓެމްބަރ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ލޯންޗުން ބޭލި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

 

މި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ހެނބަދޫގައި ހިންގި އެ އޮޕަރޭޝަނަކީ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަނާއި މަނަދޫ ޕޮލިސް ސްޓޭޝަން އަދި މާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 22 އަަހަރުގެ ދިވެހި ފިރިހެނަކު އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ފޮށިގަނޑަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

 

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހެނބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.