ޚަބަރު

އަވައްޓެރި ފުލުހުންގެ ހަފްތާ: މާލެ އާއި އަތޮޅުތަކުގައި ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފި

24 ސެޕްޓެމްބަރ 2022

ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 18 އަހަރުގެ ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށް ގެންދާ އަވައްޓެރި ފުލުހުންގެ ހަފްތާގެ ތެރެއިން "ޕްލާސްޓިކް މަދުކުރުމަށް ފުލުހުން" މި ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. 

 

އިއްޔެ ހެނދުނު މާލެ ހިމެނޭ ސަރަހައްދުގައާއި އަތޮޅުތަކުގެ ރަށްރަށުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން ވަނީ ގިނަ ޢަދަދެއްގެ ޕްލާސްޓިކް އެއްކޮށްފައެވެ. 

 

މި ހަރަކާތުގެ ތެރެއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައިއ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން އަދި ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ރަށްރަށުގެ ރައްޔިތުންގެވެސް ބައިވެރިވެފައިވެއެވެ. 

 

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް މިއަދުވެސް ކުރިއަށްދާއިރު މިއަދު ހުޅުމާލެ ސެންޓްރަލް ޕާކް ގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ތަފާތު ގިނަ ކުޅިވަރު ހަރަކާތްތަކާއެކު ކުރިއަށް ގެންދާ މި ހަވީރު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.