ޚަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މުލަކުގައި ހިންގައިފި

25 ސެޕްޓެމްބަރ 2022

މ.މުލަކު ޕޮލިސް ސްޓޭޝަނާއި މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މ.އަތޮޅު ގޮތްފިގުޅިގެން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރި ކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މުލަކުގައި ހިންގައިފިއެވެ.

 

މި ހިނގާ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެ ސެޝަންގައި ގެވެށި ގުޅުމަކީ ކޮބައިކަމާއި ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، ގެވެށި އަނިޔާގެ ހާލަތުގެ އިތުރުން ގެވެށި އަނިޔާ އާމެދު ކުރެވިފައިވާ ބައެއް ކުށްހީތައް މި ސެޝަންގައި ހިއްސާކޮށްފައިވެއެވެ.

 

 އެގޮތުން، ގެވެށި އަނިޔާ މުޖްތަމައު ތެރޭގައި އާންމުވަމުންދާ މިންވަރާއި ގެވެށި އަނިޔާ ލިބިފައިވާ މީހުން ދެނެގަންނާނެ ގޮތްތަކާއި ގެވެށި ގުޅުމަކީ ކޮބައިކަމާ ގެވެށި ގުޅުމެއްގައި ހިމެނޭ ފަރާތްތަކަކީ ކޮބައިކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.  އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަމާއި، އަނިޔާކުރުމަށް މަގުފަހިވާ ސަބަބުތަކާއި، އަނިޔާގެ އަމަލުތައް ހިނގަމުންދާ ގޮތާއި އަދި އަނިޔާކުރާ ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން އަނިޔާ ލިބޭ ފަރާތްތައް ކޮންޓްރޯލްކޮށް، އަނިޔާކުރުމުގައި ދެމިހުންނަ ސަބަބުތަކާއި، އަނިޔާގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

 

އޭގެއިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، އަނިޔާގެ އަމަލެއް ހިނގައިފިނަމަ އެކަން ރިޕޯޓު ކުރެވޭނެ ވުޒާރާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ރައްކާތެރިވުމުގެ އަމުރުގެ މުހިންމުކަމާއި ރައްކާތެރިވުމުގެ އަމުރަށް އެދެވޭނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

 

މުލަކު ރައްޔިތުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި 36 މީހުން ބައިވެރިވެފައިވެއެވެ.