ޚަބަރު

އަވައްޓެރި ފުލުހުންގެ ހަފްތާ: މުއައްސަސާތަކާ ގުޅުން ބަދަހިކުރުމުގެ ހަރަކާތެއް ކުޑަގިރީގައި ކުރިއަށް ގެންގޮސްފި

25 ސެޕްޓެމްބަރ 2022

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތަކުގެ ތެރެއިން، މުއައްސަސާތަކާ ގުޅުން ބަދަހިކުރުމަށް ހަރަކާތެއް ކ. ކުޑަގިރީގައި ކުރިއަށް ގެންގޮސްފިއެވެ.

 

މިމަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ތަރައްގީ ކުރުމަށް އެހެން މުއައްސަސާތަކާ ގުޅިގެން ކުށް މަދުކުރުމަށް ހަރަކާތްތެރިވުމަށް މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

 

ޓީމް ބިލްޑިންގ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތުގައި ރަށްރަށުގައި ހުރި މުއައްސަސާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

 

މާލެ ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ފުލުހުންގެ އެކި ބަހާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން  އިމިގްރޭޝަން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް، އީޕީއޭ، ޔުޓިލިޓީ އަދި ވެމްކޯގެ މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ. 

 

ކުޑަގިރީގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އައިސް ބްރޭކިންގ ސެޝަންއަކާއި ޓީމް ބިލްޑިންގ އެކި ހަރަކާތްތަކާއި މައިންޑް ގޭމްސް، ކްރިޓިކަލް ތިންކިންގ އަދި އިސްތިރާޖީ މަސައްކަތްތައް ކުރާ ގޮތް ފަދަ ގިނަ  ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.