ޚަބަރު

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

26 ސެޕްޓެމްބަރ 2022

 ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފެމެލީ އެންޑް ޖެންޑަރ އެފެއާޒް ޑިޕާޓްމަންޓު ގުޅިގެން، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންނާއި ބެލެނިވެރިންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި މި ހިނގާ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

 

އެގޮތުން، ގެވެށި އަނިޔާ މުޖުތަމައުގައި އާންމުވަމުންދާ މިންވަރު، ގެވެށި އަނިޔާ ލިބިފައިވާ މީހުން ދެނެގަންނާނެ ގޮތްތައް، ގެވެށި ގުޅުމަކީ ކޮބައިކަން އަދި ގެވެށި ގުޅުމެއްގައި ހިމެނޭ މީހުންނަކީ ކޮބައިކަމާ ގުޅޭގޮތުން މައުލޫމާތުދީފައި ވެއެވެ.

 

އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަން، އަނިޔާކުރުމަށް މަގުފަހިވާ ސަބަބުތައް، އަނިޔާގެ އަމަލުތައް ހިނގަމުންދާ ގޮތް، އަނިޔާކުރާ މީހުން ބާރުގެ ބޭނުންކޮށްގެން އަނިޔާ ލިބޭ މީހާ ކޮންޓްރޯލްކުރުމާ އަދި އަނިޔާކުރުމުގައި ދެމިހުންނަ ސަބަބުތަކުގެ އިތުރުން އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުންނާއި ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތުދީފައި ވެއެވެ.

 

އޭގެ އިތުރުން، ކުޑަކުދިންގެ އުމުރާ ގުޅޭގޮތުން އެ ކުއްޖާގެ އުޅުމަށާއި މިޒާޖަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ ކުށުގެ މާހައުލުން ކުދިން ދުރުހެލިކުރުވުމަށް މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބެލެނިވެރިން ކުދިންނަށް ރަނގަޅު ނަމޫނާ ދެއްކުމާއި ރަނގަޅު ގޮތްތަކަށް ކުދިން ހާނުވައި އެ ކުދިންގެ ކިބައިގައި ރަނގަޅު ސިފަތައް އަށަގެންނެވުމަށް މަސައްކަތްކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ގެވެށި އަނިޔާއިން ރައްކާތެރިވުމާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އިސްކަންދޭންވީ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

 

އެ ސެޝަނުގައި، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންނާއި ބެލެނިވެރިން ހިމެނޭހެން 215 މީހުން ބައިވެރިވިއެވެ.