ޚަބަރު

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް: ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ޑީއީ ކްލަބް ހޯދައިފި

15 ނޮވެމްބަރ 2022

ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ “ސީޕީ ކަޕް” ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ޑީއީ ކްލަބް ހޯދައިފިއެވެ.

 

ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ޑީއީ ކްލަބުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކްލަބް އެޗްވީ އާ ވާދަކޮށް 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޑީއީ ކްލަބުގެ ޒައިދު ޝަރީފްއެވެ.

 

ދެވަނަ ޑިވިޜަންގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ޑީއީ ކްލަބުގެ ޒައިދު ޝަރީފްއެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކަށް އެޗްވީ ކްލަބްގެ މޫސާ ވަސީމް ހޮވުނުއިރު އެންމެ މޮޅު ކީޕަރަށް ހޮވުނީ ޑީއީ ކްލަބްގެ މުޙައްމަދު ނަޝީތުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ޑީއީ ކްލަބުގެ ޒައިދު ޝަރީފް ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޑީއީ ކްލަބްގެ އިބްރާހީމް ޒާލިފްއެވެ.

 

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ހޮވުނީ ޑަބްލިއު.ޕީ.އެމް-އޯސީ ކޮމްބައިންގެ އަލީ އިބްރާހީމްއެވެ. ފެއަރޕްލޭ ކުޅުންތެރިޔަކަށް ކްލަބް އެޗްވީގެ މުޙައްމަދު އަމާނުﷲ  ހޮވުނުއިރު، 21 އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑަބްލިއު.ޕީ.އެމް-އޯސީ ކޮމްބައިންގެ ހަސަން އަލީފް އިބްރާހިމްއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޑީއީ ކްލަބްގެ އަޙްމަދު މުޙައްމަދު ހޮވުނުއިރު، ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ ކްލަބް އެވްޗީގެ އިސްމާއީލް ރަޝީދުއެވެ. މުބާރާތުގެ 40 އަހަރުން މަތީގެ އެންމެ މޮޅު ފަސް ކުޅުންތެރިނަށް ހޮވުނީ އައި ކްލަބްގެ މުޙައްމަދު ޒުހާން، ކްލަބް އެޗްވީގެ އަޙްމަދު ޝާނީޒް، ޑަބްލިއު.ޕީ.އެމް-އޯސީ ކޮމްބައިންގެ އަލީ އިބްރާހިމް، އައި ކްލަބްގެ އަޙްމަދު ޢަބްދުﷲ އަދި ޑަބްލިއު.ޕީ.އެމް-އޯސީ ކޮމްބައިންގެ އާޠިފް މުޙައްމަދުއެވެ.

 

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަަށް ހޮވުނީ ޑަބްލިއު.ޕީ.އެމް-އޯސީ ކޮމްބައިން ޓީމެވެ. ރަނަރަޕް ޓީމަށް ހޮވިފައިވަނީ ކްލަބް އެޗްވީއެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. އަދި ރަނަރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ.

 

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގައި އަށް ޓީމަކުން ބައިވެރިވެފައިވެއެވެ. ސީޕީ ކަޕް ފުޓްބޯޅަ މުބާރާތަކީ ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންނަށް ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އެއް މުބާރާތެވެ.