ޚަބަރު

ފުލުހުންނާ ގުޅުންހުރި ބައެއް މުއައްސަސާތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

17 ނޮވެމްބަރ 2022

ފުލުހުންގެ ވާޖިބު އަދާކުރުމުގައި ގާނޫނީގޮތުން ލިބިފައިވާ ބާރާއި އިހްތިޔާރުގެ ތެރެއިން ކަނޑައެޅޭ ހާއްސަ ހާލަތްތަކުގައި ބޭނުންކުރާ ''ލެސް ލީތަލް'' ހަތިޔާރެއްގެ ގޮތުގައި ''ކޮންޑަކްޓިވް އެނާޖީ ޑިވައިސް'' ނުވަތަ ''ޓޭޒަރ ސެވަން'' ބޭނުންކުރުމާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

އިސްކަންދަރު ބިލްޑިންގގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ސެޝަންގައި، ޓޭޒަރ ސެވަން ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލުތަކާއި ބޭނުންކުރެވޭނެ ހާލަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އެގޮތުން، މި ޑިވައިސް ބޭނުންކުރަން ނުޖެހޭ ހާލަތްތަކުގައި ބޭނުން ކޮށްފިނަމަ އަޅާނެ ފިޔަވަޅުތަކާއި އެ ޑިވައިސް ގެންގުޅުމުގައި ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކަށަވަރުކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ޑީއެސްކަލޭޝަން އޮފް ފޯސް ނުވަތަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހަކު ކިޔަމަންތެރިކުރުވުމަށް ބޭނުންކުރާނެ ''ފޯސް އޮޕްޝަންތައް'' ނުވަތަ އުކުޅުތަކާއި އެ ހާލަތުގައި ޓޭޒަރ ސެވަން ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

ޓޭޒަރ ސެވަން އަކީ ބޮޑީ ވޯން ކެމެރާއާ އޮޓަމެޓިކުން ގުޅިފައި އިންނަ ޑިވައިސްއެކެވެ. އެހެންކަމުން ޓޭޒަރ ސެވަން ބޭނުންކުރާ މީހާ އެ ބޭނުންކުރާ ގޮތް އޮޓަމެޓިކުން ރެކޯޑުވަމުންދާނެއެވެ. މި ޑިވައިސް ބޭނުންކުރެވޭނީ ޓޭޒަރ ސެވަން ބޭނުންކުރުމަށް ތަމްރީނުކޮށްފައިވާ ފުލުހުންނަށް އެކަންޏެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތުން ޖަވާބުދާރީވާން ޖެހޭ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ މި ސެޝަންގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މުވައްޒަފުންގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ބައިވެރިވިއެވެ.

 

މީގެ އިތުރުން ޓޭޒަރ ގަންއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުންވެސް އިސްކަންދަރު ބިލްޑިންގގައި އިއްޔެ ކުރިއަށްގެންގޮސްފައިވެއެވެ.