ބ. މާޅޮހު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
13 ޑިސެމްބަރ 2022ބ. މާޅޮހު ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އޭދަފުށި ޕޮލިސް ސްޓޭޝަނާއި މާޅޮހު ސްކޫލު ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެ ސްކޫލްގެ ގްރޭޑް 5 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ސަމާލުކަންދޭންވީ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝާންގައި، ދަރިވަރުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ސަމާލުކަންދޭންވީ ކަންތައްތައް، މަގުމަތީގެ ރިވެތި އަދަބުތައް، މުއާމަލާތުކުރުމުގެ ހުނަރުތައް، އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނުނާއި ގަވާއިދުތައް އަދި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތުދީފައިވެއެވެ.
އޭގެ އިތުރުން، މުޖުތަމައުގައި ފުލުހުންގެ ދައުރަކީ ކޮބައިކަމާއި ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި، ދަރިން ކުށްތަކުން ދުރުހެލިކުރުވައި އެކުދިންގެ އުޅުން ބައްޓަންކުރުމަށް ބެލެނިވެރިން މަސައްކަތްކުރާނެ ގޮތް، ދަރިންގެ ކިބައިގައި ދީނީ އަގީދާ ހަރުދަނާކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން، ދަރިންގެ ދިރިއުޅުން ބައްޓަންކުރަން ބޭނުންވާ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރާނެގޮތް، ރަނގަޅު ކަންކަމަކީ ކޮބައިކަން ދަސްކޮށްދިނުމުގެ މުހިންމުކަން، ޒިންމާދާރު ޒުވާނެއްގެ ގޮތުގައި ދަރިން މުޖުތަމައަށް ނެރުމަށް ބޭނުންވާ ތަރުބިއްޔަތުގެ މުހިންމުކަން، ރިވެތި ސިފަތައް ދަރިންގެ ކިބައިގައި އަށަގެންނެވުމަށް ބެލެނިވެރިންގެ ހައިސިއްޔަތުން ކުރެވެނެް ހުރި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނެވެ.
އޭގެ އިތުރުން، ދަރިންގެ ކިބައިގައި ތެދުވެރިކަން ދެމެހެއްޓުމަށް ކުރެވެންހުރި ކަންތައްތަކާއި ދަރިވަރުން މުޖުތަމައުގައި އަދާކުރަންޖެހޭ ޒިންމާއާއި ވާޖިބު ހަނދާންކޮށްދީ އިހުތިރާމްކުރުމާއި މައިންބަފައިންނާއި މުދައްރިސުންނަށް ކިޔަމަންތެރިކަން އަދާކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެެވެ.