ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސް

02 ޖުލައި 2023

މިއީ ކޮންމެ މަހަކު އެއްފަހަރު ޝާއިއުކުރާ ލިޔުންތަކެކެވެ. މި ލިޔުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން 2023 ވަނަ އަހަރަށް ތައްޔާރުކުރި ކަލަންޑަރުގައި ހިމަނާފައިވާ، ފުލުހުންގެ އެކި ދާއިރާތަކާ ގުޅުންހުރި މައުލޫމާތު ހިިމެނޭ ލިޔުންތަކެކެވެ. މި ސިލްސިލާގެ ހަތްވަނަ ލިޔުން ހާއްސަކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިހަށެވެ.

 

މެރިން ޕޮލިހަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަތީގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އުފައްދާފައިވާ ވިންގެކެވެ. އަދި ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި ކަނޑުމަތީގެ އެކިއެކި ހާދިސާތަކުގައި ރައްޔިތުންނަށް އެހީތެރިވުމާއި މިބާވަތުގެ މައްސަލަތައް ބެލުމުގައި މެރިން ޕޮލިހުން ހަރަކާތްތެރިވެއެވެ.

 

ވަކިން ހާއްސަކޮށް ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގެ މައުލޫމާތު މެރިން އޮޕަރޭޝަން ސެންޓަރަށް ލިބުމާއެކު މި ސެންޓަރު މެދުވެރިކޮށް އެ މައުލޫމާތު މެރިން އޮޕަރޭޝަންގައި ހަރަކާތްތެރިވާ ޓީމުތަކަށް ވަގުތުން ވަގުތަށް ފޯރުކޮށްދީ ހާދިސާ ހިނގައިގެން އުޅޭ ކަނޑުގެ ސަރަހައްދަށް މެރިން އޮޕަރޭޝަންސްގެ ކުއިކް ރިއެކްޝަން ޓީމު ފޮނުވައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ކަނޑުމަތީގެ ހާދިސާ ތަކުގެ މައުލޫމާތުވެސް މި ސެންޓަރަށް ލިބުމާއެކު އެ ހާދިސާއެއް ހިނގައިގެން އުޅޭ ސަރަހައްދާ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނެއް ނުވަތަ އަތޮޅެއްގައި އޮންނަ ފުލުހުންގެ އުޅަނދަކަށް އެ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމާއެކު އެ ސަރަހައްދެއްގެ ރީޖަނަލް ކޮމާންޑަރުގެ ސަމާލުކަމަށް ގެނެވެއެވެ.

 

ރީޖަނަލް ކޮމާންޑަރު ނުވަތަ އަތޮޅަކުން ލިބޭ މި ބާވަތުގެ އިންސިޑެންޓުތަކާއި އެކްސިޑެންޓުތަކުގެ މައްސަލަތައް ބެލުމާއި އެފަދަ ކަންކަމުގައި އަތޮޅުތަކާއި ރީޖަނަލް ކޮމާންޑަރުންނާ ގުޅިގެން، ބޭނުންވާނެ ޓެކްނިކަލް އެހީތެރިކަން އެ ފަރާތްތަކަށް އަދި އެފަދަ މައުލޫމާތުތަކުގެ ރެކޯޑްސް ބެލެހެއްޓުމާއި ގާތުން ބަލައި މޮނީޓަރ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެވެއެވެ.

 

މީގެ އިތުރުން، ކަނޑުދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމުކުރުވުމަށާއި، ކަނޑުމަތީގެ ހާދިސާތަކުގައި ގެއްލިގެންދާ ފުރާނަތައް މަދުކުރުމުގެ މަގުސަދުގައި ރައްޔިތުން ހޭލުންތެރިކުރުވުމާއި ބޭނުންކުރާ ލައިފްޖެކެޓު ފަދަ ސަލާމަތީ އާލާތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގައި މެދުކެނޑުމެއް ނެތި މެރިން ޕޮލހުން ކުރިއަށް ގެންދެއެވެ.

 

އަދި ކަނޑުމަތީގެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކުގެ ހަރަކާތްތައް ބެލުމަށާއި ދިވެހި ކަނޑަކީ ދިވެހިންނަށާ އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ވަކި އުސޫލުތަކެއްގެ ދަށުން ވަކި އިންތިޒާމަކުން ޕެޓްރޯލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައްވެސް މެރިން ޕޮލިހުން ކުރިއަށް ގެންދެއެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަފާތު އޮޕަރޭޝަންތަކާއި ތަހުގީގަށްް ބޭނުންވާ މައުލޫމާތާއި އެވިޑެންސް ހޯދުމަށް މެރިން ޕޮލިހުގެ ޑައިވިންގ ޓީމު ކަނޑުގެ އަޑިއަށް ފީނުމުގައި ހަރާތްތެރިވެ ކާމިޔާބު އޮޕަރޭޝަންތައް ހިންގައެވެ.