އަވައްޓެރި ފުލުހުންގެ ހަފްތާ: މާލެ އާއި އަތޮޅުތަކުގައި ކޮމިއުނިޓީ މެމްބަރުންނާއެކު ބައްދަލުވުން ބާއްވައިފި
21 ސެޕްޓެމްބަރ 2022އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކޮމިއުނިޓީ ބައްދަލުވުން މާލެ އާއި އަތޮޅުތަކުގައި ބާއްވައިފިއެވެ.
އިއްޔެ މާލެ އާއި އަތޮޅުތަކުގައި އެކި ވަގުތުތަކުގައި ބޭއްވި ކޮމިއުނިޓީ ބައްދަލުވުމަށް ޕޮލިސް ސްޓޭޝަންތަކުން ބަލަހައްޓަމުންދާ ސަރަހައްދެއްގައި ހިމެނޭ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު އާންމު ހުޅުވައި ދައުވަތު ދީފައިވެއެވެ. އަދި މި ބައްދަލުވުމުގައި ރައްޔިތުންނާއެކު ޕޮލިސް ސްޓޭޝަންތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.
އެގޮތުން ބޭއްވި މި ބައްދަލުވުންތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކިއެކި ކަންކަމާއި ގުޅޭގޮތުން ރައްޔިތުން ހިޔާލު ހޯދާފައި، މަޝްވަރާކޮށްފައިވެއެވެ. އަދި މުޖުތަމަޢުގައި ހިނގާ ކުށްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީ، ފުލުހުންނާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އަވަށްޓެރި ފުލުހުންގެ ހަރަކާތްތަކުގެ ތެެރެއިން ގިނަ ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު މިއަދު ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމާއި، ވިޒިޓިންގ ވަލްނަރަބަލް ޕޮޕިޔުލޭޝަން ހަރަކާތުގެ އިތުރުން ގުރައިދޫއަށް ޒިޔާރަތްކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ބައްދަލުކުރަން ހަމަޖެހިފައިވެއެވެ.
އަވައްޓެރި ފުލުހުންގެ ހަރަކާތްތައް މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.