ޚަބަރު

ހަށިވިއްކުމާއި އިންސާނީ ވަގުފާރި ހުއްޓުވުމަށް ފާއިތުވި އަހަރު ކުރެވުނު މަސައްކަތް

05 ޖަނަވަރީ 2023
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން – ފައިލް ފޮޓޯ

 

ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

 

އެގޮތުން، ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ. އަނެއް 11 އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.

އެ އޮޕަރޭޝަންތަކުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ޖުމްލަ 32 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި 26 ބިދޭސީންނެވެ. ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި ފާއިތުވި އަހަރު 28 ބިދޭސީން ޑީޕޯޓުކޮށްފައިވެއެވެ. މި މީހުންގެ ތެރޭގައި 2022 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންވެސް ހިމެނެއެވެ.

 

ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރި ކުރުމުގެ 11 މައްސަލައެއް ކޭސްކޮށްގެން ފާއިތުވި އަހަރު ތަހުގީގުކޮށްފައިވެއެވެ. އޭގެ ތެރެއިން ހަ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާއިރު ދެ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު ތިން މައްސަލައެއް ވަނީ ފައިލުކޮށްފައެވެ.