ޚަބަރު

ބަނގުރާފުޅި ތަކަކާއެކު މާމިގިލިން ތިން މީހުން ހައްޔަރުކޮށްފި

07 މެއި 2023
ފައިލު ފޮޓޯ

 

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

 

މާާމިގިލީގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

 

މެއި މަހުގެ 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު އުތުރު ފަރާތު ގޮނޑުދޮށުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 78 ފުޅި ބަނގުރާ ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މިމައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.