ޚަބަރު

އަވައްޓެރި ފުލުހުންގެ ހަރަކާތްތަކެއް ކުރިނބީގައި ކުރިއަށް ގެންގޮސްފި

14 މެއި 2023

ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކޮށް ރައްޔިތުންނާ ގާތުން ފުލުހުން ޚިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީ އަވައްޓެރި ފުލުހުންގެ ހަރަކާތްތަކެއް ހދ. ކުރިނބީގައި ކުރިއަށް ގެންގޮސްފިއެވެ.

 

މި މަހު 11 އިން 13 އަށް ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި ‘’އަމާން މުޖުތަމައަކަށް – އެންމެން ގުޅިގެން'' މި ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން ރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށްފައިވެއެވެ. މި ޒިޔާރަތުގެ ތެރެއިން، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ. އަދި ރަށުގައި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާއި، ކުށުން ރައްކާތެރިވެ ތިބުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަވައްޓެރި ފުލުހުންނަކީ ކޮބައިކަމާއި އަވައްޓެރި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބިގެންދާނެ މަންފާތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުރުން "ވޯކް އެންޑް ޓޯކް" ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ރަށުގެ ކަމުވޮށިގެންވާ މީހުންނާ ބައްދަލުކޮށް އަވައްޓެރި ފުލުހުންގެ މައުލޫމާތާއި މުޖުތަމައުގައި އެންމެ ބޮޑަށް ފެތުރެމުންދާ ސްކޭމް ކޯލްސްތަކުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކުރިނބީގައި ކުރިއަށް ގެންދިޔަ އަވައްޓެރި ފުލުހުންގެ ހަރަކާތްތަކުގައި، ސްކޫލު ބެލެނިވެރިންނާއި ދަރިވަރުންނަށް މައުލޫމާތުދީފައިވެއެވެ. އެގޮތުން، ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، އިންޓަނެޓް މެދުވެރިކޮށް ކުދިންކުރާ ކުށްތައް ދެނެގަންނާނެ ގޮތްތަކާއި، އިންޓަނެޓްގެ ޒަރީއާއިން ކުދިންނަށް ލިބިގެންދާ ނޭދެވޭ މައުލޫމާތުތަކާ އަދި އެކަންކަމުން ކުދިން ރައްކާތެރިކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހދ. އަތޮޅު ފެމެލީ ޗައިލްޑް ސާވިސް ސެންޓަރާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނުގައި، ކުޑަކުދިންނަށް ލިބޭ އެކިކަހަލަ އަނިޔާއިން ކުދިން ރައްކާތެރިކުރާނެގޮތާއި އަނިޔާލިބިފައިވާ ނުވަތަ އަނިޔާލިބެމުންދާ ކުއްޖެއްގެ ކިބައިން ފެންނާނެ އަލާމާތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުދިންނާ މެދު ގާތް ގުޅުމެއް ބޭއްވުމަށާއި މުޖުތަމައުގައި އެކުދިން އެކަހެރިވިޔަ ނުދިނުމަށް އެއްބާރުލުންދިނުމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމަށް މައުލޫމާތުދީފައިވެއެވެ.

 

ކުރިނބީ ސްކޫލްގެ ގްރޭޑް 1 އިން 6 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި، މަގުމަތީގެ އަމަންއަމާންކަން ގާއިމުކުރުމާއި މަގުމަތީގެ އަދަބުތަކާއި ޓްރެފިކް ގަވާއިދުތަކާއި ނިޝާންތަކުގެ ބޭނުމާއި މުހިންމުކަން ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.