މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފި
04 ސެޕްޓެމްބަރ 2023
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައިި ދެ މީހުން ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ފ. ބިލެތްދޫގައި އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 29 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މަހު 2 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ތުހުމަތުކުރެވޭ މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް އޭނާގެ އަތުން ފެނިފައިވެއެވެ.
މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ދީފައިވެއެވެ.
ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން އޮގަސްޓް 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ އޭދަފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އޮގަސްޓް 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ 35 އަހަރުގެ މީހާ އޭދަފުށި ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.
މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސްދުވަސް ދީފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.