ޚަބަރު

އޮޕަރޭޝަން ބްލޫވޭވްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި

07 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ‘’އޮޕަރޭޝަން ބްލޫވޭވް'' ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައި އޮޕަރޭޝަން ބްރީފިންގ ދީފިއެވެ.

 

މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

ރަސްމިއްޔާތު ފައްޓަވައި ދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، މި އޮޕަރޭޝަންގެ މަގުސަދަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަލާމަތީގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށްދީ، އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެގޮތުގެ މަތިން އިންސާނީ ހައްގުތައް ރައްކާތެރިކޮށް އަދި ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް، އިންތިހާބުގެ ކުރިންނާއި ފަހުން، ދިވެހިރާއްޖޭގެ ދާހިލީ ހަމަޖެހުމާއި އަމަންއަމާންކަަމަށް ހުރަސްއެޅޭފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތުނުދީ އަދި ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުންކަމަށް ވިދާޅުވިއެވެ.

 

އަދި 2022 ޑިސެމްބަރުން ފެށިގެން އޮޕަރޭޝަނަށް ތައްޔާރުވާންފަށައި، ކަނޑައެޅުނު ޓައިމްލައިނާ އެއްގޮތަށް މަސައްކަތްކުރެވި އެންމެ ފަހުގެ މަރުހަލާތަކަށް މިވަނީ އާދެވިފައިކަމަށާއި މި ފާއިތުވެދިޔަ ދުވަސްތަކުގައި ހުރިހާ ފުލުހުންވެސް ދިން އެއްބާރުލުމާއި ކުރި ބުރަމަސައްކަތްތައް ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިއަށް މިއޮތް ގަޑިތަކުގައާއި އިންތިހާބުގެ ދުވަހު އަދި އިންތިހާބުގެ ރަސްމީ ކަންކަން ނިމުމާ ހަމައަށްވެސް ޕްރޮފެޝަނަލްކޮށް ގާނޫނީ ހަމަތަކުގެ މަތިން، ކޮންމެ ފުލުހަކާވެސް ހަވާލުކޮށްފައިވާ މަސައްކަތް ކުރަންވާގޮތް ސާފުކޮށް އެނގިތިބެ ކުރިއަށްް ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.

 

އޭގެ އިތުރުން، އެއްވެސް ފަރާތަކަށް ބުރަނުވެ، ރަނގަޅު ބަހުން މުއާމަލާތުކުރުމަށާއި ވާދަވެރި އިންތިހާބަކާ ގުޅިގެން މީހުންގެ ކިބައިން ފެންނާނެ އަމަލުތަކާއި ދިމާވެދާނެ ކަންކަމަށް ލޯ ހުޅުވި، ހާލަތާ އެކަށިގެންވާ ފިޔަވަޅު އެޅުމަށާ އަދި ބޮޑީ ވޯން ކެމެރާގެ ޓެކްނޮލޮޖީ އާއި އޮޕަރޭޝަންގެ މައުލޫމާތުތައް ރެކޯޑުކުރުމަށް ބޭނުންކުރަން ކަނޑައަޅާފައިވާ ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތްތަކާއި އާލަތްތައް، ހަމަޖެހިފައިވާގޮޮތުގެ މަތިން ބޭނުންކުރަމުން ގެންދިއުމަށް އެދިލެއްވިއެވެ.

 

އަދި ހަމައެހެންމެ، މިއޮތް ވަގުތުތަކުގައިވެސް ފުލުހެއްގެ ފުށުން އެއްވެސް ނުރަނގަޅު ކަމެއް ނުފެންނާނެހެން ވީހާވެސް ރަނގަޅަށް ކަންކަން ގެންގޮސް ފުލުހުންގެ މުއައްސަސާއަށް، ރައްޔިތުންނާއި އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ރާއްޖެއަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ އިތުބާރާއި ޔަގީންކަން ހޯދުމުގެ އަޒުމުގައި މަސައްކަތްކުރުމަށް އެދިލެއްވިއެވެ. އަދި މި އޮޕަރޭޝަނަކީ ކަނޑައެޅުނު ލަނޑުދަނޑިއާ އެއްގޮތަށް ކާމިޔާބުކަމާއެކު ނިންމިގެންދާނެ އޮޕަރޭޝަނަކަށް ވެގެންދިއުން އުންމީދުކުރައްވާކަމަށް، ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

މި ބްރީފިންގގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ރިޔާސީ އިންތިހާބުގެ އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުއާއި ޑެޕިއުޓީ ކޮމާންޑަރ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްގެ އިތުރުން ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ. މި ބްރީފިންގގައި، ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވިއެވެ

މި ބްރީފިންގއާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް ‘’ލެވެލް 3'' އަށް ވަނީ ބަދަލުކޮށްފައެވެ.