
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ "ކޮންޓްރޯލް އޮފް ޑްރަގް އޮފެންސަސް" ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.
2026 އޮގަސްޓް 19 އިން ސެޕްޓެމްބަރު 4 ގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންސްޕެކްޓަރ އޮފް ޕޮލިސް މުފްލިޙް އިބްރާހީމެވެ.
މި ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ކުށްތަކާ ދެކޮޅަށް އެޅިދާނެ އެކި ފިޔަވަޅުތަކާއި، ޖަޕާންގެ އިތުރުން ބައިވެރިވި ގައުމުތަކުގައި މަސްތުވާތަކެތީގެ ކުށްތައް މިހާރު އޮތް ހާލަތު ދެނެގަނެ، އެކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއެކު، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ހުނަރު އިތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މީގެއިތުރުން، ބައިވެރިވި ގައުމުތަކާއި ޖަޕާނާ ދެމެދު ތަޖުރިބާއާއި މައުލޫމާތު ބަދަލުކޮށް، މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން މި ޕްރޮގްރާމްގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެއެވެ.