ޚަބަރު

ށ. މަރޮށި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭންފަށައިފި

12 މެއި 2022

ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. މަރޮށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

އެކަމަށްޓަކައި މަރޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ. ފުލުހުންގެ ދިދަ ނަންގައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަ ފުޅުގައި، ފުލުހުންގެ ހިދުމަތް ރައްޔިތުން އެދޭފަދަ ހިދުމަތަކަށް ހެދުމަށާއި ކުށްކުރުމާއި ކުށުގެ ބިރުވެރިކަމުގެ ހާލަތާއި އާންމުކޮށް އަންނަ ކުށުގެ މައްސަލަތަކާއި ހިދުމަތް ދިނުމުގައި ބޭނުންވާ ގާބިލުކަމާއި ވަސީލަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ހެޔޮ ބަދަލު އަންނަމުންދާކަން ޔަގީންވެއްޖެ ކަމަށާއި ހާއްސަކޮށް ރައްޔިތުން ރައްކާތެރިކުރުމުގެ ޖޯޝް ފުލުހުންގެ ކިބައިގައި ހުރިކަމުގައި ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް ފަށާފައިވާ ރައްޔިތުންނާ ގުޅިގެން ހިންގާ އަވައްޓެރި ފުލުހުންގެ ހިދުމަތް މަރޮށީގައި ކުރިއަށް ގެންދިއުމާއި ކުރިއަށް އޮތް ދުވަސްތަކުގައި ރަށުގައި އަމާންކަމާއި ރައްކާތެރިކަން ގާއިމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު އަދި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި ހދ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ސިރާޖް، މަރޮށި ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރުންގެ އިތުރުން ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.