ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން ގއ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތުދީފި
14 ޖޫން 2022
ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމާއި ސްކޫލުތަކުގެ ބެލެނިވެރިން އިތުރަށް ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ކޮލަމާފުށީގައި މަސައްކަތްކުރާ ފުލުހުންނާއި، ކޮލަމާފުށި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގއ. އަތޮޅު މަދަރުސާ ގުޅިގެން މި މަހު 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެގޮތުން، ކުޑަކުދިންގެ ހައްގުތަކަކީ ކޮބައިކަމާއި ބެލެނިވެރިންގެ ޒިންމާތައް، ދައުލަތުގެ ޒިންމާތައް އަދި އާންމު ފަރުދުންގެ ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާއި، ދަރިންނާ އޮންނަ ގުޅުން ރަނގަޅުކޮށް ނަމޫނާ ބެލެނިވެރިޔަކަށްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ސްކޫލާއި ގޭތެރޭގެ މާހައުލުގައި ވިޔަސް ކުދިންގެ ފަރާތުން ދިމާވާ ކަންކަން ހައްލުކުރުމުގައި ފުރަތަމަ ކަމެއްގެ ގޮތުގައި އެ ކުދިންނަށް އެންމެ މަސްލަހަތު ރަނގަޅު ގޮތްތައް ދެނެގަނެ މަސްލަހަތު އިސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެކަންކަން ކުދިންގެ އުމުރާ ގުޅޭގޮތަށް ކިޔައިދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކުޑަކުދިންނާމެދު އިހުމާލުވުމުގެ މައްސަލައެއް ދިމާވެއްޖެނަމަ އެކަމަށް ހާއްސަ އިސްކަމެއް ދީގެން ކަމާބެހޭ ފަރާތްތަކަށް އެކަމެއް ހިއްސާކުރުމުގެ މުހިންމުކަން ކިޔައިދީފައިވެއެވެ.
އަދި ރަށުތެރެއިން ބެލެނިވެރިންނަށް ފާހަގަކުރެވޭ ނޭދެވޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް އެފަދަ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.