ކިޑްސް ފުޓްބޯލް ކޯޗިންގ ކޭމްޕެއް ކޮލަމާފުށީގައި ފަށައިފި
19 ޖުލައި 2022ގއ. ކޮލަމާފުށީ ސްކޫލުގެ ފިރިހެން ދަރިވަރުންނަށް ހާއްސަކޮށްގެން 'ކިޑްސް ފުޓްބޯލް ކޯޗިންގ ކޭމްޕް' ގެ ނަމުގައި ކޭމްޕެއް ފަށައިފިއެވެ.
ކޮލަމާފުށީ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލާއި އެ ރަށު ބާހަތު ސްޕޯޓްސް އެކަޑަމީ ގުޅިގެން ފެށި އެ ކޭމްޕަކީ ކޮލަމާފުށީ ސްކޫލު ދަރިވަރުން ފައިދާކުރަނިވި ގޮތަކަށް ޗުއްޓީ ދުވަސްތައް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ފެށި ކޭމްޕެކެވެ.
އެ ކޭމްޕުގެ ތެރެއިން، ފުޓުބޯޅައިގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީ ދާއިރާގައި ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރެވިގެންދާނެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ އިތުރުން ކުދިން އެކުގައި އުފާވެރި މަޖާ ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރެވިގެންދާނެއެވެ.
10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކޭމްޕުގެ ތެރެއިން، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަސައްކަތްކުރާނެ ގޮތާއި ހެލިފެލިވެ އުޅުމުން ލިބިދޭ ފައިދާތަކުގެ އިތުރުން ގަޑިއަށް ފަރުވާތެރިވާނެ ގޮތާއި އެކަމުގެ މުހިންމު ކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ފުޓްބޯޅައާ ގުޅޭގޮތުން ދަރިވަރުންނަށް އެނގެންޖެހޭ މުހިންމު މައުލޫމާތާއި ހުނަރުތައް ދަސްކޮށްދޭނެއެވެ.
ކިޑްސް ފުޓްބޯލް ކޯޗިންގ ކޭމްޕުގައި އެ ސްކޫލްގެ 45 ދަރިވަރުން ބައިވެރިވެއެވެ.