ޚަބަރު

އޮފީހަކާއި ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފި

20 ޖުލައި 2022

ބުރުޒުމަގުގައި ހުރި ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތަކަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފިއެވެ.

 

އެގޮތުން، ބުރުޒުމަގުގައި ހުރި ފިހާރައަކުން ވައްކަންކުރާ ކަމަށް ޖުލައި 19 ވަނަ ދުވަހުގެ ފަތިހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ. އެ ރިޕޯޓާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުން އެ ސަރަހައްދަށް ދިޔައިރު، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރަން ފިހާރައަށް ވަދެ ހުރި މީހަކު ފެނިފައިވެއެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގި 18000 އަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރުތަކެއް ފެނިފައިވެއެވެ.

 

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

އޭގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަންކޮށްފައިވާ ކަމަށް ޖުލައި 18 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ. އެ ރިޕޯޓާ ގުޅިގެން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާތަކެތި ހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

 

އެގޮތުން އެ ސަރަހައްދު ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ އަށް ލެޕްޓޮޕް، ދެ އައި ފޯނު އަދި އެހެނިހެން ތަކެތި ވަނީ ހޯދާފައެެވެ.

 

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

މި ދެ މައްސަލަވެސް ގަލޮޅު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.