ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާ
21 ޖުލައި 2022
މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް އިލްތިމާސްކުރަމެވެ
އަދި މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި ރަށްރަށަށް ދަތުރުދިއުން ފަދަ ކަންކަންވެސް އިތުރުވާނެއެވެ. އެހެން ނަމަވެސް ދަތުރަކަށް ފެށުމުގެ ކުރިން ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަނދާންކޮށްދެމެވެ.
އެގޮތުން، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް އިލްތިމާސްކުރަމެވެ.
ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުޅަނދުތައް ބަލައި ފާސްކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން މި ފުރުސަތުގައި ހަނދާންކޮށްދެމެވެ.