އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް ކްރައިމްސް އެންޑް އެސެޓް ރިކަވަރީއާބެހޭ ގައުމީ ތަމްރީނު ޕްރޮގްރާމެއް ފަށައިފި
02 އޯގަސްޓް 2022
އިންޓަރޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި-ކޮރަޕްޝަން ސެންޓަރާއި އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް
ކްރައިމްސް އެންޑް އެސެޓް ރިކަވަރީއާބެހޭ ޤައުމީ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. މި ރަސްމިއްޔާތުގައި އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރު (އައިއެފްސީއޭސީ)ގެ އެސިސްޓެންޓް ޑިރެކްޓަރު ޓޮމޮނޯބޫ ކާޔާ ވެސް ބައިވެރިވެލެއްވިއެވެ.
އޮގަސްޓް 2 ން 4 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފައިނޭންޝަލް ކްރައިމް އެންޑް އެސެޓް ރިކަވަރީއާ ބެހޭ މައުލޫމާތާއި ގާނޫނު ތަންފީޒްކުރާ އިދާރާތަކުގެ އޮފިސަރުންގެ ގާބިލްކަން އިތުރުކޮށް، ކަމާބެހޭ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް މައުލޫމާތު ހިއްސާކުރުމާއި ނެޓްވޯކިންގގެ ފުރުސަތު ހޯދައިދިނުމާއި ހޯދޭނެގޮތްތައް ކިޔަވައިދެވޭނެއެވެ.
މި ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އިންޓަރޕޯލް އެން.ސީ.ބީ މާލެ ހިމެނޭހެން ޖުމްލަ 37 މުވައްޒަފުން ބައިވެރިވެއެވެ.