ޚަބަރު

ފުރާވަރު ކޭމްޕު ޅ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފި

28 އޯގަސްޓް 2022

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން، ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ 86 ވަނަ ފުރާވަރު ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 

އެކަމަށްޓަކައި ޅ. އަތޮޅު ތައުލީމީ މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. މި ރަސްމިއްޔާތުގައި، ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު އަދި ޅ. އަތޮޅު ކޮމާންޑަރުގެ އިތުރުން ހިންނަވަރު ސްކޫލްގެ ޕްރިންސިޕަލް ފަޒްނާ ޔޫސުފް ފާރިގް، ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފިއު، ސްކޫލްގެ މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުން އަދި ރަށުގެ ޖަމުއިއްޔާ ޖަމާއަތްތަކުން ބައިވެރިވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ދެއްކެވި ވާހަކަ ފުޅުގައި، ކޮންމެ ދަރިވަރަކުވެސް ތައުލީމީ ހަޔާތް ނިންމައި މުޖުތަމައަށް ނުކުންނަ އިރު މުޖުތަމައިން ބަލައިގަންނާނެ ފަދަ ހަރުދަނާ ރިވެތި އުސޫލުތަކެއްގެ ދަރިވަރަކަށްވުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި މި ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިލެއްވިއެވެ.

އޮގަސްޓް 25 އިން 27 އަށް ހިންވަރުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.

 

އެގޮތުން، ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި ވަގުތުގެ މުހިންމުކަމާއި އަބަދުވެސް ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ހިއްސާކޮށްފައިވެއެވެ. އަދި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން ބުނެދީފައިވެއެވެ. އަދި ގަނާކުރުމުގެ ނުރައްކަލާއި ގަނާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ. އަދި ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ގައުމީ ލޯބި އިތުރުކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

އެ ކޭމްފުގެ ތެރެއިން ސްކޫލްތަކުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

 

ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ 113 ދަރިވަރުން ވަނީ މި ކޭމްޕު ފުރިހަމަކޮށްފައެވެ.