ޚަބަރު

މޫސުން ގޯސް، ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވޭ

29 އޯގަސްޓް 2022

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އެހެންކަމުން، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް އިލްތިމާސްކުރަމެވެ.

 

އެގޮތުން، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް އިލްތިމާސްކުރަމެވެ.

 

އޭގެ އިތުރުން އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމައްޓަކައި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ.

 

އަދި ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރުނުކުރުމަށްވެސް އިލްތިމާސްކުރަމެވެ.