ފުލުހުންގެ ޚިދުމަތުގެ ދުވަސް: ފުލުހުންނާއި ސިފައިންނާ ދެމެދު އެކުވެރިކަމުގެ ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެފި
01 Sep 2022
ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 18 އަހަރު ފުރުމުގެ މުނާސަބާ "ފުލުހުންގެ ޚިދުމަތުގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންގެ ޓީމަކާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސީނިއަރ އޮފިސަރުންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ.
މިއަދު ހެނދުނު އެފްއޭއެމް ޓާފް ދަނޑުގައި ކުޅުނު މިމެޗުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ކުޅުއްވާފައިވެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މި މެޗު 1-0 އިން ކާމިޔާބުކުރީ އެމްއެންޑީއެފްގެ ޓީމެވެ.

އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ދީދީ އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި ދެ މުއައްސަސާގެ މުވައްޒަފުން ދަނޑަށް ވަޑައިގެންނެވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މި މެޗަކީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ "އަވައްޓެރި ފުލުހުންގެ ހަފްތާ" ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ފުރަތަމަ ހަރަކާތެވެ.