ޚަބަރު

ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އައިޑީ ކުލަބް ހޯދައިފި

05 ސެޕްޓެމްބަރ 2022

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށްކުޅޭ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އައިޑީ ކުލަބުން ހޯދައިފިއެވެ. 

 

އައިޑީ ކުލަބުން ޗެމްޕިއަންކަން ހޯދީ ރޭ އިމާދުއްދީން ސްކޫލު ހޯލުގައި ކުޅުނު ފައިނަލް މެޗުގައި ސައުތު ޕޮލިސްގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިގެންނެވެ. 

ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ އައިޑީ ކުލަބުންނެވެ. މި ދެ ސެޓްގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އައިޑީ ކުލަބުން ސެޓްތައް ކާމިޔާބުކުރީ 22-25 އަދި 23-25 އިންނެވެ. މި ދެ ސެޓް ކާމިޔާބުކުރި ނަމަވެސް ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓްގައި އެޓީމަށް މާއެދެވޭ ކުޅުމެއް ނުދެއްކުމުގެ ނަތީޖާއަކަށްވީ ސައުތު ޕޮލިސް އިން ދެ ސެޓް ކާމިޔާބުކުރުމެވެ. މި ދެ ސެޓް ސައުތު ޕޮލިސް އިން ކާމިޔާބުކުރީ 19-25 އަދި 18-25 އިންނެވެ. މެޗު ފަސްވަނަ ސެޓް ފަށައިގެން އައިޑީ ކުލަބުން ލީޑު ނެގިއެވެ. މި ލީޑުގައި އެޓީމުން ހިފަހައްޓައި 11-15 އިން ސެޓް ވަނީ ކާމިޔާބުކޮށްފައެވެ. 

 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އަދި ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިޑީ ކުލަބުގެ ކެޕްޓަން އަދި ތަޖުރިބާކާރު ސެޓަރު ޢަލީ މައުރޫފްއެވެ. ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ޢަލީ މައުރޫފްގެ އިތުރުން ސައުތު ޕޮލިސްގެ މުޙައްމަދު ޔާސީން އާއި އަޙްމަދު ސަބާހު އާއި އައިޑީ ކުލަބުގެ އަޙްމަދު ފާރިޝް އާއި އަޙްމަދު އައިމަން އަދި ހުޅުމާލެ ޕޮލިސްގެ ހައިލަމް ޙަސަންއެވެ. 

 

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ލިބަރޯއަކަށް ހުޅުމާލެ ޕޮލިސްގެ އަޙްމަދު ޝާން ހޮވުނުއިރު، ފެއަރޕްލޭ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕީއެސްއާރުސީ ޢަލީ ޒަޙުރާންއެވެ. ފިރިހެން ޑިވިޜަންގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ އަޙްމަދު ނާފިއުއެވެ. އަދި ފިރިހެން ޑިވިޜަންގެ ހިންގުންތެރި މެނޭޖަރަކަށް ސައުތު ޕޮލިސްގެ މެނޭޖަރު ޙުސައިން މުޙައްމަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އައިޑީ ކުލަބުގެ ކޯޗު ޝުއައިބް އަޙްމަދުއެވެ. ފިރިހެން ޑިވިޜަންގެ ތިން ވަނަ ޓީމަކީ ހުޅުމާލެ ޕޮލިސްއެވެ. އަދި ފެއަރޕްލޭ ޓީމަކީ ޕީއެސްއާރުސީއެވެ.

 

ޗެމްޕިއަން ޓީމަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުލް ރަޙުމާންއެވެ. އަދި ރަނަރަޕް ޓީމަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. ފައިނަލް މެޗު ނިމުމުން އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ފުލުހުންގެ ސީނިއަރ އޮފިސަރުންނެވެ.

 

ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުން ޖުމްލަ 14 ޓީމަކުން ބައިވެރިވެފައިވެއެވެ.