ވެލިދުއަށް ބަނގުރާ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
07 ސެޕްޓެމްބަރ 2022
މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ވެލިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން އެ ރަށަށް ބަނގުރާ އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 5 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ އޮޕަރޭޝަނުގައި، ވެލިދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހުން ތިން ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރި އޮފް ހޯމް އެފެއާޒުން ކަނޑައަޅަ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.