ސީޕީ ކަޕް ވޮލީބޯޅަ މުބާރާތް: އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހުޅުމާލެ ޕޮލިސް އިން ހޯދައިފި
06 ސެޕްޓެމްބަރ 2022ކޮމިޝަނަރ އޮފް ޕޮލިސް ވާދައިގެ ތައްޓަށް ކުޅެވޭ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހުޅުމާލެ ޕޮލިސް (އެޗްއެމްޕީ ކުލަބު) އިން ހޯދައިފިއެވެ.
ހުޅުމާލެ ޕޮލިސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ ހޯމަ ދުވަހުގެރޭ އިމާދުއްދީން ސްކޫލް ހޯޅުގައި ކުޅުނު ފައިނަލް މެޗުގައި ސިޓީ ޕޮލިސްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. މިމެޗުގެ ސެޓްތައް ހުޅުމާލެ ޕޮލިސް އިން ކާމިޔާބުކުރީ 25-14، 25-14 އަދި 25-19 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ ހައްވާ ރާޝިދާއެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހައްވާ ރާޝިދާ ހިމެނޭއިރު، ދެން ހިމެނެނީ ހުޅުމާލެ ޕޮލިސްގެ ހައިފާ އިމާދު އާއި އައިޝަތު ޝާލިނީ އާއި ސިޓީ ޕޮލިސްގެ ފާތިމަތު ޒީނިޔާ އާއި މުއީނާ ހަސަންގެ އިތުރުން ޕީއެސްއާރުސީ/އެސްއޯއާރުސީ ކޮމްބައިންގެ ފާތިމަތު ސަމްޙާއެވެ.
އަންހެން ޑިވިޜަންގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ޕީއެސްއާރުސީ/އެސްއޯއާރުސީ ކޮމްބައިންގެ ޝިރުމީނާ މުޙައްމަދު އެވެ. ފެއަރޕްލޭ ކުޅުންތެރިޔަކަށް ހުޅުމާލެ ޕޮލިސްގެ ޚަދީޖާ ނަޒީލާ ހޮވުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސިޓީ ޕޮލިސްގެ އައިޝަތު ޒައިނާ އިބްރާހިމްއެވެ.
އަންހެން ޑިވިޜަންގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ސިޓީ ޕޮލިސްގެ ފައިނާޒް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ ކޯޗު ޚާލިދު މުޙައްމަދުއެވެ. އަދި ފެއަރ ޕްލޭ ޓީމަކަށް ޕީސީ ގާރލްސް ހޮވުނުއިރު، އަންހެން ޑިވިޜަންގެ ތިންވަނަ ޓީމަކީ ޕީއެސްއާރުސީ/އެސްއޯއާރުސީ ކޮމްބައިންއެވެ.
އިނާމު ދިނުމުގެ ރަސްމިއްޔާތުގައިވަނީ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގައި ރެފްރީކަން ކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައެވެ. އަންހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަކަށް މެޑަލް އާއި ޓްރޮފީ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. އަދި ރަނަރަޕް ޓީމަށް މެޑަލް އާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނާ ޓީމުތަކަށް ޓްރޮފީ ބައްސަވާ ދެއްވާފައިވަނީ ފުލުހުންގެ ސީނިއަރ އޮފިސަރުންނެވެ.
ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވެއެވެ.