ޚަބަރު

ފޮނަދޫ ނެއިބަރހުޑް ޕެނަލާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައިފި

12 ސެޕްޓެމްބަރ 2022

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވުމަށް ހަމަޖެހިފައިވާ އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތެއްގެ ގޮތުން، ލ. ފޮނަދޫ ނެއިބަރހުޑް ޕެނަލާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްދަލުކުރައްވައިފިއެވެ.

 

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ‘’ކޮމިޝަނަރ މީޓީންގ އަ ޕެނަލް'' އަކީ ރައްޔިތުންނަށް ޖަވާބުދާރީވެ ޕްރައިއޯރިޓީސް ކަނޑައެޅުމަށް އުފައްދާފައިވާ ނެއިބަރހުޑް ޕެނަލެއްގެ ތެރެއިން ސީދާ ކޮމިޝަނަރ، ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ގިނަ ބަޔަކަށް މައުލޫމާތު ހިއްސާކުރެއްވުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހުގައި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާޙް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު އަދި ލ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ޝިބާނާ ހަސަން ބައިވެރިވެލެއްވިއެވެ. އަދި ފޮނަދޫ ކައުންސިލާއި، ރަށުގެ މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި، ވިޔަފާރިވެރިންގެ އިތުރުން ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކުން ބައިވެރިވިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ އައު ގާނޫނާއެކު ފުލުހުންގެ މަސައްކަތްތަކަށް ގެނެސްފައިވާ ބަދަލުތަކާއި ފުލުހުން މިސްރާބުޖަހާފައިވާގޮތުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ރައްޔިތުންނާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ތައާރަފުކޮށްފައިވާ އަވައްޓެރި ފުލުހުންގެ ޚިދުމަތް ކުރިއަަށްގެންދާ ގޮތުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

 

އޭގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުއްފިލުއްވައި އެ ކަންކަމުގެ ހައްލުހޯދުމަށް އަވައްޓެރި ފުލުހުންނާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ބައްދަލުވުމުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

 

އެ ބައްދަލުވުމުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ލ. އަތޮޅުގެ ކުށުގެ ހާލަތުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ކުށްމަދުކޮށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ރައްޔިތުންނާ ގުޅިގެން ލ. އަތޮޅުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.