މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުވުމަށް ނ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް މައުލޫމާތުދީފި
29 ސެޕްޓެމްބަރ 2022މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު އެ މަދަރުސާގައި ކުރިއަށް ގެންދިޔަ ސެޝަނުގައި، މަގުމަތީގައި ހިނގާ ބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް، ދުއްވާ އެއްޗިއްސަށް ސަމާލުކަންދިނުމަށް ކުރެވިދާނެ ކަންތައްތައް އަދި މަގު ހުރަސްކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަގުމަތީގައި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން އެކްސިޑެންޓުތަކުން ރައްކާތެރިވުމާ އަދި އެކްސިޑެންޓު ހިނގުމުން އަމަލުކުރާނެ ގޮތުގެ ސިނާރިއޯއެއް ތައްޔާރުކޮށް ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ނިޝާންތަކާއި އެ ނިޝާންތައް ބޭނުންކުރާނެ ހާލަތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މަނަދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ނ. އަތޮޅު މަދަރުސާގެ ގްރޭޑް 1 އިން 3 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ބައިވެރިވިއެވެ.