ޚަބަރު

88 ވަނަ ފުރާވަރު ކޭމްޕު ފުވައްމުލައް ސިޓީގައި ކުރިއަށް ގެންގޮސްފި

02 އޮކްޓޯބަރ 2022

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ފުރާވަރު ކޭމްޕުގެ 88 ވަނަ ކޭމްޕު ފުވައްމުލައް ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.

 

ކޭމްޕު ނިންމައި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ހާފިޒު އަހްމަދު ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލުގެ މޭޔަރ އިސްމާއިލް ރަފީޤްއެވެ. އެ ރަސްމިއްޔާތުގައި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު، ފުވައްމުލަކު ސިޓީ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިލްވާން ޝަރީފް، ހެޑް އޮފް ކްރައިމް ޕްރިވެންޝަން ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ރަމްޒީ، ސްކޫލުތަކުގެ އިސްވެރިންނާއި  މުދައްރިސުން އަދި ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިސްމާއިލް ރަފީޤް ދެއްކެވި ވާހަކަފުޅުގައި، ފުރާވަރުގެ އުމުރުގައި ވަރަށް ގިނަ ކަންކަން ދިމާވާނެ ކަމަށާއި މި އުމުރުގައި ދިމާވާކަންކަން ބޮޑެތި މީހުންނާ ހިއްސާކުރުމުގެ މުހިންމުކަމާއި މިފަދަ ކޭމްޕުތަކުން ދަސްވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުމަށް އެދިލެއްވިއެވެ. އަދި ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

 

ހާފިޒު އަހްމަދު ސްކޫލުގެ 54 ދަރިވަރުންނާއި ފުވައްމުލައް ސްކޫލުގެ 31 ދަރިވަރުންނާއެކު ސެޕްޓެމްބަރު 29 އިން އޮކްޓޫބަރ 01 އަށް ހާފިޒު އަހްމަދު ސްކޫލްގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި އަބަދުވެސް ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.


މީގެ އިތުރުން، އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން ބުނެދީފައިވެއެވެ. އަދި ގަނާކުރުމުގެ ނުރައްކަލާއި ގަނާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތުވެސް ދަރިވަރުންނަށް ދީފައިވެއެވެ. އަދި ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ގައުމީ ލޯބި އިތުރުކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

އެ ކޭމްޕުގެ ތެރެއިން ސްކޫލްތަކުގެ މުދައްރިސުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތު ބެލެނިވެރިންނަށް ހިއްސާކޮށްފައިވެއެވެ. މި ސެޝަންގައި 150 ބެލެނިވެރިން ބައިވެރިވެރިވިއެވެ. އަދި ސައިބަރ ކުރައިމާއި ސުކޫލު މާހައުލުގައި ދަރިވަރުން ގެންގުޅުމުގައި މުދައްރިސުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މުދައްރިސުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މި ސެޝަންގައި ދެ ސުކޫލު ހިމެނޭހެން 70 މުދައްރިސުން ބައިވެރިވިއެވެ.