ޚަބަރު

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް: ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ލޯކަލް ޕޮލިސް ހޯދައިފި

14 ނޮވެމްބަރ 2022

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ “ސީޕީ ކަޕް” ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ލޯކަލް ޕޮލިސް ހޯދައިފިއެވެ.

 

ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ލޯކަލް ޕޮލިސް އިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޑިޕާޓްމަންޓް (ޕީއެސްއާރުސީ) އާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ލޯކަލް ޕޮލިސްގެ އަޙްމަދު ނާސިރު އަލީ ފުޅުއެވެ.

 

ފުރަތަމަ ޑިވިޜަންގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ލޯކަލް ޕޮލިސްގެ އާދަމް ވަޖީޙުއެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކަށް ޕީއެސްއާރުސީގެ ޢަލީ އަޙްމަދު ހޮވުނުއިރު އެންމެ މޮޅު ކީޕަރަށް ހޮވުނީ ލޯކަލް ޕޮލިސްގެ ކީޕަރު އަޙްމަދު ޝަރުވާންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށާއި އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ލޯކަލް ޕޮލިސްގެ އަޙްމަދު ނާސިރު ޢަލީ ފުޅުއެވެ.

 

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ހޮވުނީ ގަލޮޅު ޕޮލިސްގެ ޢަލީ މުނާޒްއެވެ. ފެއަރޕްލޭ ކުޅުންތެރިޔަކަށް ޕީއެސްއާރުސީގެ އިސްމާއިލް ޙަމްދޫން ހޮވުނުއިރު، 21 އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕީއެސްއާރުސީގެ އިބްރާހިމް އިލްހާމް އިސްމާއިލްއެވެ.

 

 މުބާރާތު އެންމެ މޮޅު މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ލޯކަލް ޕޮލިސްގެ ކޯޗު މުޙައްމަދު ޖަމީލް ހޮވުނުއިރު، ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ ޕީއެސްއާރުސީގެ މެނޭޖަރު މުޙައްމަދު އަރުޝަދުއެވެ.  މުބާރާތުގެ 41 އަހަރުން މަތީގެ އެންމެ މޮޅު ފަސް ކުޅުންތެރިނަށް ހޮވުނީ އޮކްޒިލަރީގެ ޢަބްދުﷲ އިބްރާހިމް މަނިކު އާއި މުޙައްމަދު ނިޝާން އާއި މުޙައްމަދު ޝަމީމް އާއި ޓީމް ކަސްޓަޑީގެ ޙަސަން ހަބީބު އާއި ގަލޮޅު ޕޮލިސްގެ މުޙައްމަދު އިސްމާޢީލްއެވެ. 

 

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަަށް ހޮވުނީ އޮގްޒިލަރީ ޓީމެވެ.  ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. އަދި ރަނަރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. 

 

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގައި ޖުމްލަ 9 ޓީމަކުން ބައިވެރިވެފައިވެއެވެ. ސީޕީ ކަޕް ފުޓްބޯޅަ މުބާރާތަކީ  ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންނަށް ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތެވެ.